ޚަބަރު
ބީއެމްއެލްއިން ނިންމި ނިންމުމަކީ ރައީސް އެކަން ނުކުރަން ވިދާޅުވެފައި އޮއްވައި ނިންމި ނިންމުމެއް: ވަޒީރު ސަޢީދު
އިޤްތިޞާދާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު. ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ނިންމި ނިންމުމަކީ އެކަން އެގޮތަށް ނުނިންމުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އަންގަވައިފައި އޮއްވައި ނިންމި ނިންމުމެއް ކަމަށް އިޤްތިޞާދާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ނިންމި ނިންމުމަކީ އެކަން އެގޮތަށް ނުނިންމުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އަންގަވައިފައި އޮއްވައި ނިންމި ނިންމުމެއް ކަމަށް އިޤްތިޞާދާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖެއިން ބޭރަށް ކިޔަވަން ގޮސް ހުރި އެއްވެސް ކުއްޖަކަށް ނުލިބޭނެފަދަ ގޮތެއް މެދުވެރިވާން ރައީސް މުއިއްޒު ބޭނުންފުޅު ނުވާނެ ކަމަށެވެ.
މީގެއިތުރުން ވަޒީރު ސަޢީދު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފަވާ ޑޮލަރުގެ ދަތިކަމަކީ އެމްޑީޕީ ސަރުކާރުން އާދަޔާ ޚިލާފަށް ފައިސާ ޗާޕްކުރުމުގެ ނަތީޖާކަމަށެވެ. އަދި ބީއެމްއެލްއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބީއެމްއެލްއާ މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
"މި ހާލަތުގައި ދިވެހި ކިޔަވާ ކުދިންނަށް ލިބިދާނެ ގެއްލުމަށް ރިޢާޔަތްކޮށް، ރައީސް ޑރ.މުއިއްޒު ވަނީ ބީއެމްއެލްގެ ސީއީއޯ ކާލް ސްމަޓްކްއާ ބައްދަލުކުރައްވާ، ކާޑު ލިމިޓޭޝަނާ ގުޅިގެން ބޭންކުން ނިންމި ނިންމުން އުވާލުމަށް މަޝްވަރާކުރެއްވި، މީގެ ކުރިންވެސް ސަރުކާރުން ވަނީ މި ނިންމުން މަޑުޖައްސާލުމަށް ބީއެމްއެލްއާ މަޝްވަރާކޮށްފައި" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ވަކި މޫސުންތަކެއްގައި ބޭންކްތަކަށް ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށެވެ. މި ދަތިތަކަށް ހައްލު ހޯދުމަށްޓަކައި، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމުގައިވާ ދިވެހި ސަރުކާރުން ވަނީ ހުށަހެޅުންތަކެއް ތައްޔާރުކޮށްފައި ކަަމަށްެވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދާއި ބެހޭ ސަޢީދުގެ އިތުރުން، ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ބަންޑާރަ ނައިބު އަޙްމަދު އުޝާމް އަދި މާލީ ވަޒީރު ޑރ މުޙައްމަދު ޝަފީޤްވެސް ބައިވެރިވެވަޑައިގަތެވެ.