Ads by Aqeeqa Maldives

ޚަބަރު

"ވޯޓުލާ ގޮތް ބަދަލުކުރުމުގެ ވިސްނުމެއް ގެންގުޅެގެން ނުވާނެ"

"ވޯޓުލާ ގޮތް ބަދަލުކުރުމުގެ ވިސްނުމެއް ގެންގުޅެގެން ނުވާނެ"

މޯލްޑިވްސް 2.0 ސަމިޓުގެ ނިންމުމުގެ ރަސްމިއްޔާތަށް ވަޒީރު އިޙުސާން ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުން ---

11 މޭ 2025، 09:39

އެސްޓޯނިއާއަށް މި އަހަރުގެ ކުރީކޮޅު ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، އީ-ވޯޓިން ފިޔަވައި، ޑިޖިޓަލައިޒްކުރުމުގައި އެސްޓޯނިއާއިން ކޮށްފައިވާ ހުރިހާކަމެއް ކުރައްވަންވާނެކަމަށް، ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. 

"މޯލްޑިވްސް 2.0" ސަމިޓުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، އެސްޓޯނިއާގައި ޑިޖިޓަލައިޒްކޮށްފައިވާ ކަންކަން ޙިއްސާކުރެއްވުމުގެ ތެރެއިން، އީ-ވޯޓިންގެ ވާހަކަ ޙިއްސާކުރި ވަގުތު ރައީސުލްޖުމްހޫރިއްޔާ ވަޒީރުންނާ މުޙާތަބުކޮށް ވިދާޅުވި ބަސްފުޅު ޙިއްސާ ކުރައްވާފައެވެ.

ވަޒީރު އިޙުސާން ވިދާޅުވީ، މި ވާހަކަ ދިވެހި ރައްޔިތުންނަށް ޙިއްސާ ކުރެއްވުމަށް އެ މަނިކުފާނު ނިންމެވީ، އިދިކޮޅު ފަރާތްތަކުން، "މޯލްޑިވްސް 2.0" ގެ މަޤުސަދަކީ އީ-ވޯޓިން ނިޒާމެއް ޤާއިމުކުރުމުގެ ވިސްނުންކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީކަމަށެވެ.

އެސްޓޯނިއާ ދަތުރުގައި އެ ޤައުމުން ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި، ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތްތައް ތަފްސީލުކޮށް ކިޔައިދެއްވަމުން އެ ޤައުމުގައި ބޭނުންފުޅުވާ ފަރާތްތަކަށް ޑިޖިޓަލް ވޯޓިންގެ ފުރުސަތު އޮންނަކަމަށް ވިދާޅުވިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. 

އަދި ހަމަ އެ ވަގުތު، ޑިޖިޓަލް ވޯޓިން ނޫން ހުރިހާކަމަކަށް މަސައްކަތް ކުރައްވަންވާނެކަމަށް ވަޒީރު އިޙުސާނަށާއި، އެތާންގައި ތިއްބެވި އެހެން ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެންނެވިކަމަށް ވަޒީރު ވިދާޅުވިއެވެ. 

އަޅުގަނޑުމެން މި ހުރިހާކަމެއް މި ގޮތަށް ކުރަންވާނެއޭ، އެހެންނަމަވެސް ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެގެން ނުވާނެކަމަށް. އަޅުގަނޑުމެން މިހާރު ވެސް ވޯޓު ލަނީ ދެފުށް ފެންނަ އަދި ވަރަށް ފުރިހަމަ ނިޒާމަކުން ކަމަށާއި، ދެން ވެސް ކުރިޔަށް ދާނީ އެ ގޮތަށްކަމަށް ރައީސް ޤަބޫލުފުޅު ކުރައްވާކަމަށް.  

ރައީސުލްޖުމްހޫރިއްޔާގެ ބަސްކޮޅު ޙިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގަ އާއި "މޯލްޑިވްސް 2.0" ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ވިދާޅުވީ މިފަދައިން ކަމުގައި ވަޒީރު އިޙުސާން ވިދާޅުވިއެވެ. 

އެހެންކަމުން މޯލްޑިވްސް 2.0ގެ މަގުސަދަކީ ރާއްޖެއަށް އީ-ވޯޓިން ނިޒާމެއް ތަޢާރަފްކުރުން ނޫންކަމުގައި މިނިސްޓަރ އިޙުސާން ވަނީ ތަކުރާރުކުރައްވާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS