ޚަބަރު
އެމްޓީސީސީއިން ކުޑަގިރިއަށް ފެރީ ދަތުރުތައް ފަށައިފި

ކުޑަގިރި. ފޮޓޯ: އެޗްޑީސީ
އެމްޓީސީސީ އިން ކުޑަގިރިއަށް ފެރީ ދަތުރުތައް ފަށައިފިއެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެހުއްސުމަށް ގެނައި މި ބަދަލާއެކު، މިހާރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ބުކް ކުރެވޭނެކަމަށް އެޗްޑީސީއިން ބުނެފިއެވެ.
މި ދަތުރުތައް ފަށާފައިވަނީ 140 މީހުންގެ ޖާގައިގެ ފެރީއަކާއެކު ކަމަށާއި އަދި މި ޚިދުމަތް ފެށިއިރު، މާލެއާއި ކުޑަގިރިއާ ދެމެދު ދުވާލަކު ހަ ދަތުރު ކުރާނެކަމަށްވެސް އެޗްޑީސީއިން ބުނެއެވެ.
މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. އޭގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސީދާ ހުޅުމާލެއިން ފެރީގައި ކުޑަގިރިއަށް ދެވޭގޮތަށް ޚިދުމަތްތައް ފުޅާކުރުމަށްވެސް ވަނީ ނިންމާފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެމްޓީސީސީ ފެރީ ޝެޑިއުލް:-
- މާލެއިން ކުޑަގިރިއަށް ހެނދުނު 6:30
- މާލެއިން ކުޑަގިރިއަށް ހެނދުނު 8:00
- މާލެއިން ކުޑަގިރިއަށް ހެނދުނު 9:00
- ކުޑަގިރިން މާލެއަށް ހަވީރު 16:00
- ކުޑަގިރިން މާލެއަށް 17:30
- ކުޑަގިރިން މާލެއަށް 19:00
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރީގައި ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް މިހާރުވެސް ހުރި ނަމަވެސް، އެ ރަށުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ކޯޕަރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރާތްކޮށްފައެވެ. އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމަރ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށެވެ.