ރިޕޯޓް
ދިވެހިރާއްޖެ 2.0: ޑިޖިޓަލް-ފަސްޓް ދައުލަތް ތަފާތު މިސްރާބަކަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް
އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ މާ ބޮޑު ތަރައްޤީއެއް ބޭނުންވާ ޤައުމެއް ނޫންކަމަށް މަދު ބަޔަކު ނަމަވެސް ޤަބޫލުކުރެއެވެ. އާބާދީ ކުޑަވުމުގެ ސަބަބުން ރާއްޖެއަށް ތަޢާރަފްކުރާ ޒަމާނީ ކަންކަމުން މާ ބޮޑު މަންފާއެއް ނުވާނެކަމަށް ދެކޭ މީހުން މަދުން ނަމަވެސް މި މުޖްތަމަޢުގެ ތެރޭގައި ދަނީ ފާހަގަވަމުންނެވެ. ނަމަވެސް، ތަރައްޤީއާއި ކުރިއެރުމަކީ ވަކި ޤައުމެއްގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު ތަޢާރަފުވަމުންދާ ކަންކަމެއް ނޫންކަން ޔަޤީނެވެ.
ނިމިދިޔަ ހަފްތާގައި ވެސް ރާއްޖެއަށް ތަޢާރަފްވެގެން މިދިޔައީ އިންޤިލާބީ ބޮޑު ބަދަލުވުމެއްގެ ފެށުމެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ސީދާ ބެއްލެވުމުގެ ދަށުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެ މަސައްކަތްތައް ހިންގާނެ ބޮޑު މަޝްރޫޢެއް އިފްތިތާޙުކުރީއެވެ. ހަމަ މިކަމާއި ގުޅިގެން، "މޯލްޑިވްސް 2.0 - ޑިޖިޓަލް ޓްރާންސްފޮމޭޝަން" ގެ ނަމުގައި ހުނަރުވެރި ތަޖުރިބާކާރު ބޭފުޅުންނާއެކު ޚާއްޞަ ސަމިޓެއް ވެސް ކުރިއަށް ގެންގޮށް ނިންމާލައިފިއެވެ.
މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުން - މިކަން ފެށުނީ ކިހިނެއް؟
ދިވެހިރާއްޖޭގެ އިދާރީ ހިންގުން އެއް ވިއުގައަކުން ޑިޖިޓަލައިޒް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅުން ފަށްޓަވާފައިވާ މަސައްކަތްޕުޅެކެވެ. އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. މިކަމުގައި ހަަޤީޤީ ކުލަ ނުޖެހޭނެކަމަށް ބަޔަކު ޤަބޫލުކުރި ނަމަވެސް، ރައީސް އަޅުއްވަމުން ގެންދަވާ ކޮންމެ ފިޔަވަޅަކުން ވެސް ދަނީ އެ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ކުށްހީތަކަށް ގޮންޖައްސަވަމުންނެވެ. އެގޮތުން، އެމަނިކުފާނު ވަނީ މިއަހަރުގެ ތެރޭގައި އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެސްޓޯނިއާއަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި ފާހަގަކޮށްލެވޭ އެއް ޤައުމަށް ވާއިރު، ރައީސް ވަނީ އެ ޤައުމުގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއެކު މަޝްވަރާ ކުރައްވާ، ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ހިއްސާކުރައްވާފައެވެ.
މޯލްޑިވްސް 2.0 އަކީ ކޮބާ؟
މިއީ ދައުލަތުގެ ހުރިހާ އިދާރާތަކަކުން ގުޅިގެން މުޅި ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށްޓަކައި ކުރެވޭ ޚާއްޞަ މަސައްކަތެކެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ނިޒާމު އެއްކޮށް ބަދަލުވެ، ވަކިވަކި ފަރުދުންނަށް ބޭނުންކުރެވޭ ރައްކާތެރި ނިޒާމެއް ޤާއިމްކުރެވިގެންދާނެ އެވެ. ހަމަ މިއާއެކު، މި ޑިޖިޓަލް މާހައުލަކީ ރައްޔިތުންނަށް އިސްކަންދީގެން، އިދާރާތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. އަދި މި މަސައްކަތުގެ ދަށުން ރައްކާތެރި ނިޒާމެއް ޤާއިމްކުރެވި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މިހާރު މި އޮތް ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެންދާނެއެވެ.
ޑިޖިޓަލައިޒޭޝަން ސިޔާސަތާއެކު އަންނާނެ ބަދަލުތަކާއި ލުއިފަސޭހަތައް:
މި އައު ސިޔާސަތުގެ ދަށުން ރާއްޖެއަށް ބޮޑެތި ބަދަލުތަކާއެކު ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ވެގެންދާންކަން ޔަޤީނެވެ. އެގޮތުން، ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި ފަސޭހަކަމާއެކު މަދު ކްލިކްތަކަކުން ޚިދުމަތް ހޯދިގެންދާނެއެވެ. އަދި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުމެއް ނެތި ގުޅިފައިވާ ވިއުގައަކުން ރައްޔިތުންނަށް ޚިދުމަތްލިބޭ ޤައުމެއްކަން މި ނިޒާމުގެ ދަށުން އިހުސާސްކުރެވޭނެއެވެ. ހަމަ އެހެންމެ، ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް އަވަސް ޙައްލެއް ލިބި، ރައްޔިތުން ބޭނުންވާފަދަ ނަތީޖާއެއް ނެރުމުގައި ޙާއްޞަ އިސްކަމެއް ދެވިގެންދާނެއެވެ. އަދި ދެފުށްފެންނަ ހުޅުވާލެވިފައިވާ ޚިދުމަތުގެ ނިޒާމެއް ބައްޓަންކުރެވިގެންދާނެ އެވެ.
މޯލްޑިވްސް 2.0 ބިނާކުރެވިފައިވާ މުހިންމު އަސާސްތައް:
- ހުރިހާ ފަރާތްތަކެއް ޝާމިލްކުރުން
- ދެފުށްފެންނަ ހާމަކަންބޮޑު ނިޒާމަކާއެކު ކޮރަޕްޝަން ނައްތާލުން
- އެންމެން ގުޅިގެން މަސައްކަތްކުރުން
- ޚިދުމަތް ހޯދާ ފަރާތް އިސްކުރުން
- ސަލާމަތާއި ސިޔާދީ ކަންކަން ކަށަވަރުކުރުން
- ޒިންމާދާރުކަމާއެކު ނަތީޖާ ނެރުމަށް އިސްކަންދިނުން
މޯލްޑިވްސް 2.0 - ރާއްޖެ ޑިޖިޓަލައިޒް ކުރުމާއި ގުޅޭ މުހިންމު މަޝްވަރާތަކެއް:
މޯލްޑިވްސް 2.0 އިފްތިތާޙުކުރުމަށްފަހު މިކަމާއި ގުޅިގެން ވަނީ ޚާއްޞަ ސަމިޓެއް ބާއްވާފައެވެ. މި ސަމިޓްގައި އެކި އިދާރާތަކާއި މުއައްސަސާތަކުން ޖުމްލަ 200 މަންދޫބުން ބައިވެރިވެ، މުހިންމު މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ. ހަމަ މިއާއެކު، އެސްޓޯނިއާ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގައި އުޅުއްވި އެ ޤައުމުގެ ތަޖުރިބާކާރުން ބައިވެރިވެ، މި ނިޒާމާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރައްވާފައެވެ. އަދި މި ސަމިޓުގައި އެކި އިދާރާތަކުން ބައިވެރިވެ، ޖުމްލަ 10 ކަރުދާހެއް ހުށައަޅާފައިވާއިިރު އެކި އިދާރާތަކުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ޕެނަލް ޑިސްކަޝަންތަކަކާއެކު ސުވާލާއި ޖަވާބު ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މުޅި ދިވެހިރާއްޖެ އުންމީދީ ތަފާތު މިސްރާބަކަށް:
މުޅި ދިވެހިރާއްޖޭގައި ޑިޖިޓަލް އިޤްތިޞާދެއް ޤާއިމްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށް ވާއިރު، މި މަސައްކަތް ކުރިއަށްދާނެ މަގުޗާޓެއް މިހާރު ވަނީ އެކުލަވާލައްވާފައެވެ. މިއީ ރާއްޖެ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއެރުވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވުމާއެކު، މި މަސައްކަތުގައި ދިވެހި ކޮންމެ ރައްޔިތަކު ވެސް މުޅި ސަރުކާރަށާއި އެކިއެކި އިދާރާތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަކީ މި ކުޑަކުޑަ ޤައުމަށް ތަރައްޤީ ގެނައުމަށްޓަކައި ކުރަންޖެހޭ މުހިންމު އަދި އެހާމެ އަގުހުރި މަސައްކަތެކެވެ. މި ޤައުމުގައި ފަށާ ކޮންމެ މަޝްރޫޢަކީ ވެސް ޤައުމަށް ކުރިއެރުން ގެނުވައިދޭ ކަމަކަށް ވާއިރު "މޯލްޑިވްސް 2.0" އާއެކު ދިވެހިރާއްޖޭގެ ދަތުރު މި ފެށީ އުންމީދީ އަދި ތަފާތު މިސްރާބަކަށެވެ.