ދުނިޔެ

ނިއުކްލިއަރ ހަތިޔާރު ޔޫރަޕަށް ފެތުރުމުގެ ވާހަކަތަކާއި ގުޅިގެން ކްރެމްލިންގެ ކަންބޮޑުވުން

ނިއުކްލިއަރ ހަތިޔާރު ޔޫރަޕަށް ފެތުރުމުގެ ވާހަކަތަކާއި ގުޅިގެން ކްރެމްލިންގެ ކަންބޮޑުވުން

ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2025، 03:58

14 މޭ 2025، 03:58

ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން ވަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުގައި ފަރަންސޭސި ނިއުކްލިއަރ ހަތިޔާރުތައް ބެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ. ނަމަވެސް މިކަމާ ގުޅިގެން ރަޝިޔާގެ ކްރެމްލިންއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކްރެމްލިންގެ ޚަބަރު ފަތުރާ ފަރާތް ކަމުގައިވާ ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި ޔޫރަޕްގެ ބިމުގައި ނިއުކްލިއަރ ހަތިޔާރު ފެތުރުމަކީ އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވާނެ ކަމެއް ނޫނެވެ. އަދި މިކަމުން ޔޫރަޕްގެޕްގެ ހަމަޖެހުމާއި އިސްތިޤްރާރަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަރަންސޭސި ރައީސް މެކްރޯން މިޚިޔާލު ހުށަހެޅުއްވީ އެމެރިކާގެ ނިއުކްލިއަރ ދިފާޢީ ނިޒާމާ އަޅާކިޔައްވަމުންނެވެ. އެމެރިކާގެ މި ނިޒާމުގެ ދަށުން، އެ ޤައުމުގެ އެއްވެސް އެލައިއެއްގެ މައްޗަށް ނިއުކްލިއަރ ހަމަލާއެއް ދެވިއްޖެނަމަ، އެމެރިކާއިން އެ ހަމަލާއަށް ޖަވާބުދޭނެ ކަމުގެ ޔަޤީންކަން ދެއެވެ.

މިހާރު ޔޫރަޕިއަން ޔޫނިއަންގެ ތެރެއިން ނިއުކްލިއަރ ހަތިޔާރު އޮތް ހަމައެކަނި ޤައުމަކީ ފަރަންސޭސްވިލާތެވެ. ޔުކްރެއިންގެ ހަނގުރާމައާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫރަޕްގެ ދިފާޢީ ކަންކަމުގައި އިތުރު ޒިންމާ ނެގުމަށް ގޮވާލުމާ ގުޅިގެން، ފަރަންސޭސްވިލާތުގެ ނިއުކްލިއަރ ދިފާޢީ ނިޒާމު ޔޫރަޕިއަން ޔޫނިއަންގެ އެހެން މެމްބަރުންނަށް ފުޅާކުރުމާ ގުޅޭ މަޝްވަރާތައް އިތުރުވަމުންދާ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ބާރު ކަމުގައިވާ ރަޝިޔާއަށް 4،000 އަށްވުރެ ގިނަ ނިއުކްލިއަރ ވޯހެޑް ލިބިފައިވާއިރު، ފަރަންސޭސްވިލާތުގެ ނިއުކްލިއަރ ދިފާޢީ ނިޒާމަކީ އެ ޤައުމުގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމުގައި ރަޝިޔާއިން ދެކެއެވެ. ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަދިމީރ ޕުޓިން ވަނީ އެކި ފަހަރު މަތިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ އިންޒާރު ދެއްވާފައެވެ. މިކަމާ ގުޅިގެން ހުޅަނގުގެ ޤައުމުތަކުން ވަނީ ޕުޓިންގެ މި ބަސްތައް "ބިރުވެރި" އަދި "ނުރައްކާތެރި" ކަމުގައި ސިފަކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS