ޚަބަރު
ދުންފަތާ ދުރުހެލި ކުރުވުމަށް ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުމަކީ ހިތްވަރުގަދަ އަދި މުހިންމު ފިޔަވަޅެއް: ޑަބްލިޔުއެޗްއޯ

ޖެނެރޭޝަން ޞޭން އާ ގުޅޭ ކެބިނެޓް މަޝްވަރާތައް
ދިވެހިރާއްޖެއިން ދުންފަތާ ދުރުހެލި ކުރުވުމަށް ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުމަށް އަޅުއްވާފައިވާ ފިޔަވަޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ އަދި މުހިންމު ފިޔަވަޅެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯއިން މިފަދައިން ބުނެފައިވަނީ 2007 ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެންނެވެ.
ޑަބްލިޔުއެޗްއޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މަރުޙަބާ ދަންނަވާފައެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްފައިވެއެވެ.
ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވާ ގޮތުގައި ރާއްޖެއިން އެޅި މި ފިޔަވަޅަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުޅަހެޔޮ މުސްތަޤުބަލަކަށް ސަރަޙައްދީގޮތުން ކުރާ މަސައްކަތަށް އެޅުނު ބާރެކެވެ.
Congratulations #Maldives on the bold step towards a tobacco-free 🚭 generation!
— World Health Organization South-East Asia (@WHOSEARO) May 14, 2025
👉🏾 The landmark decision approving a generational #tobacco ban that prohibits the sale and use of tobacco to anyone born on or after January 1, 2007, marks a pivotal leap forward in tobacco control… pic.twitter.com/tCR2Jt1Xsf
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ގޮތުން ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް ޖެނެރޭޝަނަލް ބޭންއެއް ކަނޑައަޅުއްވާފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ސޯޝަލް މީޑިއާގައި ކުރިއަށްގެންދެވި ޕޯލްއެއްގެ ނަތީޖާއަށް ބެއްލެވުމަށްފަހުއެވެ.
މި ޤާނޫނު ރާއްޖޭގައި ތަންފީޒުކުރާ ހިސާބުން ރާއްޖެ ވެގެންދާނީ ދުނިޔޭގައި މިފަދަ ޤާނޫނެއް ފާސްކޮށް، އެއަށް ޢަމަލުކުރާ ފުރަތަމަ ޤައުމަށެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުންވެސް ރާއްޖެއަށް ލިބޭނެ ބޮޑު ކާމިޔާބީއެއްގެ އިތުރުން ކޮންމެ ދިވެއްސަކުވެސް އެކަމާމެދު އުފާކޮށް ފަޚުރުވެރިވާނެ ކަމެއްކަން ޔަޤީނެވެ.