ޚަބަރު
ނ. މާޅެންދޫގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި

މާޅެންދު އޭޓީއެމް ހުޅުވުން/ފޮޓޯ: ބީއެމްއެލް
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.
މާޅެންދޫގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ. މި ރަސްމީއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މާޅެންދޫގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ، ރައްޔިތުން ބޭނުންވާ މުހިންމު ޚިދުމަތްތައް މި ސަރުކާރުން ދެމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މާޅެންދޫ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން އިޤްތިޞާދީ ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.
މާޅެންދޫގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.