ޚަބަރު
މާލެ ލޮނުޒިޔާރަތް މަގުގައި އެކްސިޑެންޓެއް ހިނގައިފި

ފުލުހުން މަގުމަތީގައި ޙަރަކާތްތެރިވަނީ/ފޮޓޯ: އެމްވީ ޕްލަސް
މާލެ ލޮނުޒިޔާރަތް މަގުގައި އެކްސިޑެންޓެއް ހިނގައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭ ލޮނުޒިޔާރަތް މަގުގައި ހުރި ގަހެއްގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ މިއަދު ހެނދުނު 08:38 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން ޑްރައިވަރު އެކްސިޑެންޓު ވުމަށްފަހު ފިލާފައި ނުވާ ކަމަށެވެ. އަދި ކައިރި ހިސާބެއްގައި ކާރު ޕާކު ކުރުމަށްފަހު އެމީހާ އެނބުރި އެކްސިޑެންޓް ސީންއަށް އައިސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އިތުރަށް ބަލަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.