ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެމެރިކާގެ ހަވާއީއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެމެރިކާގެ ހަވާއީއަށް ފުރާވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް އެމެރިކާގެ ހަވާއީއަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ ދަޢުވަތަކަށް އެމަނިކުފާނު ކުރައްވަވާ ދަތުރުފުޅެކެވެ. އެހެންކަމުން، މި ދަތުރުފުޅުގައި ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން ބާއްވާ ފެލޯޝިޕް ޕްރޮގްރާމްގެ ޖަލްސާގައި ޚާއްޞަ މެހެމާނެއްގެ ގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، މި ޕްރޮގްރާމްގެ ހަވާސާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގިނަ ޙަރަކާތްތަކެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެމެރިކާގެ ހަވާއީގެ ހޮނަލޫލޫގައި ކުރިއަށްދާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ޕްރޮގްރާމުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި، މަދަނީ ޖަމާޢަތްތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވާކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. މިއީ މިފަދަ ގޮތަކަށް ޕްރޮގްރާމް ކުރިއަށް ގެންދާ 4 ވަނަ ފަހަރަށް ވީއިރު، މި ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، އެ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.
މީގެ އިިތުރުން. މި ޕްރޮގްރާމްގެ ދަށުން ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުމަށާއި، އެކަމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. ހަމަ އެހެންމެ، އިންސާނީ ވަސީލަތް ބިނާކުރުމާއި، އައު ޓެކްނޯލޮޖީތައް ތައާރަފްކޮށް ޤާއިމުކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މާލީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ވެސް ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓަށް ބޭނުންވާ %33 އަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ކަރަންޓު ކަމަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އަމާޒެކެވެ. އަދި މިކަން ހާސިލްކުރުމަށްޓަކައި މިހާރު ވެސް ދަނީ ތަފާތު އެކި ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހިންގަމުންނެވެ.