Ads by Aqeeqa Maldives

ޚަބަރު

ބަދަލުވަމުންދާ ޑިޖިޓަލް ޒަމާނެއްގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ކަށަވަރުކުރުން މުހިންމު: ވަޒީރު އިޙްސާން

ބަދަލުވަމުންދާ ޑިޖިޓަލް ޒަމާނެއްގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ކަށަވަރުކުރުން މުހިންމު: ވަޒީރު އިޙްސާން

ވަޒީރު ޢަލީ އިޙްސާން، ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 މޭ 2025، 01:46

17 މޭ 2025، 01:46

ބަދަލުވަމުންދާ ޑިޖިޓަލް ޒަމާނެއްގައި، ޓެކްނޮލޮޖީގެ ބޭނުން ރައްކާތެރި ގޮތުގައި ހިފުމުގެ އިތުރުން، ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ކަށަވަރުކުރުން މުހިންމު ކަމުގައި ދާޚިލީ ސަަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ ދުނިޔޭގެ މުވާޞަލަތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވެވި ޚިޠާބުގައެވެ.
ވަޒީރު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން އިޤްތިޞާދާއި، މުޖުތަމަޢު އަދި ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްވެސް ބަދަލުވަމުންދާ ޓެކްނޮލޮޖީއަށް ބަރޯސާވެ ކުރިއަރަމުންދާކަމަށެވެ. މި ބަދަލުވަމުންދާ ޑިޖިޓަލް ޒަމާނުގައި، އިޖްތިމާޢީ ހަމަޖެހުމާއި، ޓެކްނޮލޮޖީގެ ރައްކާތެރި ބޭނުންކުރުމުގެ އިތުރުން ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ކަށަވަރުކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. 
މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިޢާރަކީ "ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަ ކަން" ކަން ފާހަގަ ކުރައްވާ ވަޒީރުގެ ޚިޠާބުގައި ވިދާޅުވީ، އެންމެންނަށް ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އެބަ ފުރުސަތު ދެވޭތޯ އާއި އެއްވެސް ބަޔަކު އެބަ ފަހަތަށް ދޫކޮށްލެވޭތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. 
 ދުނިޔޭގެ އެކި ކަންކޮޅުތަކުގައި  ގިނަ ޢަދަދެއްގެ އަންހެނުންނާއި އަންހެން ދަރީން ޑިޖިޓަލް އިންޤިލާބުގެ ހަވާސައިގައި މަޑުޖެހިލައިގެން ތިބެންޖެހިފައިވެއެވެ. އެފަރާތްތަކުން ތަހައްމަލްކުރަންޖެހޭ ދަތިތަކުގެތެރޭގައި، ޓެކްނޮލޮޖީ ބޭނުންކުރުމުގައި ޓެކްނޮލޮޖީއަށް ވާސިލު ވުމުގައި ހަމަހަމަ ކަން ނެތުމާއި، އަދި ޑިޖިޓަލް ދާއިރާގެ ވަޒީފާތަކާއި ލީޑަރޝިޕްގައި ބައިވެރިވުމުގައި ހުރަސްތައް ހުރުން ހިމެނޭ ކަމަށްެވެސް ވަޒީރުގެ ޚިޠާބުގައި ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ  ޓެކްނޮލޮޖީގެ ފަސޭހަކަމާއި ޓެކްނޮލޮޖީ ގެނުވާ އިންގިލާބުތަކުގައި، އެއްވެސް ބަޔަކު ބާކީ ކުރެވުން މިއީ އެދެވިގެންވާ ކަމެއް ނޫންކަމަށެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކާ އަޅާބަލާއިރު، ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކާ އަޅާބަލާއިރު، ފާހަގަކޮށްލަންޖެހެނީ  ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގް ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުވާ ދާއިރާތަކުގައި އަންހެން ބޭފުޅުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މާމަދު ނޫންކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އެ ނިސްބަތް ދަނީ އިތުރުވަމުން ކަން ފާހަގަކުރައްވާ ކަމަށާއި، ރާއްޖޭގައި އަންހެން ދަރީންނަށް ތަޢުލީމު ޚާސިލު ކުރުމުގައި ތަފާތު ކުރުމެއް ނެތި ފުރުސަތު އޮންނަކަންވެސް ވަޒީރު ފާހަގަކުރެއްވެވިއެވެ.

ނަމަވެސް އަޅުގަޑުމެން އެންމެން ވެސް ދަންނަ ޙަގީގަތަކީ ވަކި ބާވަތްތަކުގެ ވަޒީފާ އަދި ޚާއްސަކޮށް ލީޑަރޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެން ބޭފުޅުންގެ ދައުރު ނިސްބަތުން މަދުކަން ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަނަމަވެސް، މި ފަރަގު އެކީއެކަށް ނައްތާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހައްމިއްޔަތުކަމަކީ ކޮންމެ ދިވެހި ރައްޔިތެއްވެސް ފާހަގަކުރަންވާނެ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަރނެޓް ގުޅުންތައް އަންހެނުންނަށް ދިނުން ނޫން ކަމަށާއި، އޭގެ މާނައަކީ ތަޢުލީމު، ޞިއްޙަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރި ކުރުވުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 
އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، ޢާއިލާތަކާއި، މުޅި މުޖުތަމަޢުއަށް، އަދި މުޅި އިޤްތިޞާދަށްވެސް އޭގެ ފައިދާ ކުރާނެއެވެ.
ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަން ސިޔާސަތު، ނުވަތަ 'ޑިޖިޓަލް ފަސްޓް ނޭޝަން' ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ނުވަތަ ކޮންމެ ރަށެއްގެ ރައްޔިތަކަށް، އަދި އަންހެނުންވެސް ހިމެނޭހެން ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް ޚިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވެ، އިޤްތިޝާދުގައި ހަމަހަމަ ބައިވެރީންނަށްވުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށްވެސް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS