ދުނިޔެ
ފަތިހުން ފެށިގެން މިހާތަަނަށް ޣައްޒާއިން 13 މީހަކު ޝަހީދުކޮށްލައިފި

ޝަހީދުވެފައިވާ މީހެއްގެ ހަށިގަނޑު އުފުލަނީ.
ފަތިހުން ފެށިގެން މިހާތަނަށް ޣައްޒާއިން 13 މީހަކު ޝަހީދުކޮށްލައިފިއެވެ.
އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށް، މިއަދުގެ ފަތިހުން ފެށިގެން ފަލަސްތީނުގެ 13 މީހަކު ޝަހީދުކޮށްލައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެއް އާއިލާއެއްގެ ތިން މީހަކު ހިމެނޭކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފައިވާ ގޮތުގައި ޣައްޒާގެ ތެރޭގައި އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުން ގެއްލިފައިވާ ފަލަސްތީނުގެ މީހުން ސަލާމަތްކުރަން ނުވަތަ އެތަންތަނުން ނެރުމަށް އެ ސަރަހައްދުތަކަށް ދިޔުމަށް ނުކުޅެދިފައިވާ ކަމަށެވެ. އެ އެޖެންސީއިން ބުނެފައިވަނީ އިޒްރާއިލުން ޣައްޒާގެ އެކި ސަރަހައްދުތަަކަށް މެދުކެނޑުމެއްނެތި ބޮން އަޅަމުންދާކަމަށެވެ.
އިޒްރާއީލުން އެންމެ ފަހުން ދިން ހަމަލާތަކުގައި ދިހަވަރަކަށް މީހުން ޝަހީދުވެފައިވާއިރު ގިނަ ބަޔަކު އަދިވެސް ތިބީ ބޮން އޮޅުމުގެ ސަބަބުން ހަލާކުވެފައިވާ އިމާރަތްތަކުގެ ދަށުގައި ކަމަށް އެއޭޖެންސީ އިން ބުނެފައިވެއެވެ.
އިޒްރާއީލުން ޣައްޒާއާ ދެކޮޅަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 53،119 މީހުން ޝަހީދުވެ، 120،214 މީހުން ޒަޚަމްވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. ފަލަސްޠީނުގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ގައުކުނޑިތަކުގެ ދަށުން ގެއްލިފައިވާ އެތައް ހާސް ބަޔަކު ތާށިވެ ޝަހީދުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.