ދުނިޔެ
ބަނޑުހައިހޫނުކަމުގެ އަސަރުތައް ޣައްޒާގައި ދަނީ އިތުރަށް ފެތުރެމުން

ބަނޑުހައިހޫނު ކަމުގެ ސަބަބުން ހިކިވެ އަނަރޫފަވެފައި ހުރި ފަލަސްޠީނުގެ ކުޑަކުއްޖެއް
ބަނޑުހައިހޫނުކަމުގެ އަސަރުތައް ޣައްޒާގައި ދަނީ އިތުރަށް ފެތުރެމުން ކަމަށް އަލްޖަޒީރަގައި ރިޕޯޓުކޮށްފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ޚަލީލް އަލް ޑެގްރާން ވިދާޅުވީ ޣައްޒާގައި ތިބި ފަލަސްތީނުގެ މީހުންގެ ހަށިތަކުން ބަނޑުހައިހޫނުކަމުގެ އަސަރުތައް ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށެވެ. ކާނާ ލިބުން ދަތިވުމުގެ ސަބަބުން މީހުންގެ ހަށިގަނޑުތަކުން ލޭމަދުވުން ވެސް ހިމެނޭކަމަށެވެ. އެހެންކަމުން، ބަލިތަކާއި ހަމަލާތަކުގެ ޒަޚަމްތަކުގެ ސަބަބުން ލެޔަށް ބޭނުންވާ މީހުންނަށް ލޭ ހަދިޔާ ނުކުރެވޭނެ ޙާލަތު އައިސް، ހޮސްޕިޓަލްތަކަށް މިހާރު ލޭ ލިބުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަަމަށެވެ.
ޣައްޒާގައި ބަނޑުހައި ހޫނުކަމުގެ ޙާލަތު މިހާމައްޗަށް ގޮސްފައިވާއިރު، ރެޑް ކްރެސެންޓުން ބުނެފައިވަނީ ޣައްޒާ ބަނޑުހައި ހޫނުކަމާއި ވޭންތަކުގެ ތެރޭގައި ނެތިދާން ދޫކޮށްލައިފައިވާ ކަމަށެވެ. އަދި މަރޗް މަހުގެ ދެވަނަ ދުވަހުގެ ފަހުން ޣައްޒާއަށް އެހީގެ އެންމެ ވެހިކަލެެއްވެސް ވައްދާފައި ނުވާކަމަށެވެ.
ރެޑް ކްރެސެންޓުން ވަނީ ޣައްޒާއަށް އެހީ ވެއްދުމަށް އެ ޖަމިއްޔާއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރު ކޮށްފައެވެ. އެޖަމިއްޔާއިން ބުނެފައިވަނީ "ޣައްޒާއަށް އެހީ ވެއްދިޔަ ދޭށެ، ޣައްޒާ ދިރިއޮތަދޭށެ" މިހެނެވެ.
ޣައްޒާއަށް އެހީގެ ވެހިކަލެއް ނުވަންނަތާ ދެ މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ޣައްޒާގައި ހިލޭ ކާބޯތަކެތި ބެހުމުގެ މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. އެފަދަ ބަދިގެތައް ހިންގާ ޖަމިއްޔާ ތަކުންވެސް ބުނެފައިވަނީ ކައްކަން ބޭނުން ކުރާ ތަކެތި ހުސްވެފައިވުމުގެ ސަބަބުން އިތުރަށް ހިންގެން ނެތިގެން އެ މަސައްކަތް ހުއްޓާލާކަމަށެވެ.