ވިޔަފާރި / ޚަބަރު
ބަންކަރިންގ ޚިދުމަތުން މިހާތަނަށް 124 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ:ޝިމާދު

އެސްޓީއޯއިން ބަންކަރިން އަށް ބޭނުންކުރާ ބޯޓް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ބަންކަރިންގ ޚިދުމަތުން މިހާތަނަށް 124 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ. ޝިމާދު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު އު އެސްޓީއޯގެ 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައެވެ.
ޝިމާދު ވިދާޅުވިގޮތުގައި، އިހަވަންދިއްޕޮޅުން ބަންކަރިންގ ޚިދުމަތް ފެށި ނަމަވެސް، މި ވިޔަފާރީގެ އެންމެ ރަނގަޅު ނަތީޖާ ފެންނަމުންދަނީ މާލެ ސަރަހައްދުންނެވެ. އަދި ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް އަދިވެސް ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހޭކަމަށާއި، މިކަމާ ގުޅޭގޮތުން ކަމާބެހޭ އެހެން ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިމާދުގެ ވާހަކައިގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ ލައިނަކަށް އެސްޓީއޯއިން ބަންކަރިންގ ޚިދުމަތް ދީފައިވާކަމަށާއި، މި ޝިޕިންގ ލައިނާއަށް އެސްޓީއޯއިން ވަނީ 1،200 ޓަނުގެ ފެން ފޯރުކޮށްދީފައިވާކަމަށް ވިދާޅުވިއެވެ. މިކަމުން ބަންކަރިންގެ ޚިދުމަތް ބައިނަލްއަޤުވާމީ ޝިޕިންގ ލައިނަރތަކުގެ އިތުބާރު ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.
އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. މި ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ.
ބަންކަރިންގެ ޚިދުމަތް ފެށުމުން ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.