Ads by Aqeeqa Maldives

ޚަބަރު

އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

މޫސުން ގޯސް ކަންޑުގަދަ ދުވަހެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 މޭ 2025، 09:58

18 މޭ 2025، 09:58

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު މެންދުރު ފަހުން ފެށިގެން މޫސުން ގޯސްވެ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުން އެންމެ ގޯސްވާނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުއެވެ. އަދި އެސަރަޙައްދުތަކަށް މިއަދު ހަވީރުން ފެށިގެން ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

އިތުރަށް ދެއްވި މަޢުލޫމާތުގައި، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިތުރަށް ވިދާޅުވީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށިގެންވާ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު މިކުރާ ވިއްސާރައަކީ، ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ފާހަގަކުރެއްވިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS