ވިޔަފާރި / ޚަބަރު

ސަބްސިޑީއަށް ކުރި ޚަރަދު 21 އިންސައްތަ ދަށަށް: އާސަންދައަށް ކުރި ޚަރަދު އިތުރުވެއްޖެ

ސަބްސިޑީއަށް ކުރި ޚަރަދު 21 އިންސައްތަ ދަށަށް: އާސަންދައަށް ކުރި ޚަރަދު އިތުރުވެއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 މޭ 2025، 02:08

18 މޭ 2025، 02:08

ރާއްޖޭގެ މާލީ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ 14 ހަފްތާ ނިމުނު އިރު، ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ޚަރަދުކޮށްފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21 އިންސައްތަ ދަށް އަދަދެކެވެ.

ރިޕޯޓުގައިވާ ގޮތުން، ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައި ޖުމްލަ 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 3.4 ބިލިޔަން ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ.

ސަބްސިޑީއަށް ކޮށްފައިވާ ޚަރަދު ދަށްވެފައިވީނަމަވެސް، އާސަންދައަށް ކޮށްފައިވާ ޚަރަދު ވަނީ އިތުރުވެފައެވެ. މިގޮތުން އަހަރުގެ މިހާތަނަށް އާސަންދައަށް 735 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 657 މިލިޔަން ރުފިޔާގައެވެ.

މާލީ ވުޒާރާއިން ބުނާ ގޮތުގައި، ސަބްސިޑީއަށް ކުރި ޚަރަދު ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުގެ ސަބަބުން، ތެޔޮ އެތެރެކުރަން ދޭ ސަބްސިޑީއަށް ކުރި ހޭދަ ދަށްވުމުންނެވެ.

މީގެ އިތުރުން، ކައުންސިލްތަކަށް ދޭ ގްރާންޓްވެސް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި 751.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 717.5 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 35.8 އިންސައްތަ ވަނީ ލިބިފައެވެ. އަދި ދައުލަތުގެ އާމްދަނީގެ 78.0 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 11.1 ބިލިއަން ރުފިޔާ ލިބިފައެވެ.

މި އަހަރުގެ މޭ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދުގެ 25.0 އިންސައްތަ ވަނީ ހޭދަވެފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS