ކުޅިވަރު
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑުކޮށްފި

ބީއޭއެމްގެ 2023 ވަނަ އަހަރުގެ އާންމު ޖަލްސާގެ ތެރެއިން، ފޮޓޯ: ބީއޭއެމް
ބެޓްމިންޓަންގެ ބައިނަލްއަޤްވާމީ މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީ.ޑަބްލިއު.އެފް) އިން ރާއްޖެ ސަސްޕެންޑް ކޮށްފިއެވެ.
މިކަމުގެ ސަބަބެއްކަމަށް ބީ.ޑަބްލިއު.އެފް.އިން ބުނެފައި ވަނީ، ބެޑްމިންޓަން އެސޯސިއޭޝަނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގުޅިގެން އުފެއްދި ކޮމިޓީގެ މަސައްކަތަށް، ކޮމިޝަނާ އޮފް ސްޕޯޓްސްއާ ގުޅިގެން އެމްއޯސީއިން ނުފޫޒު ފޯރުވުމުންދިއުމެވެ.
ރާއްޖެ ސަސްޕެންޑު ކުރިކަން އެންގުމުގެ ގޮތުން، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް ތަމޫހް އަހުމަދަށް އެޑްރެސްކޮށް ބީޑަބްލިއުއެފްގެ ސެކެޓްރީ ޖެނެރަލް ތޯމަސް ލުންޑް ވަނީ މިދިޔަ ހުކުރު ދުވަހު ސިޓީއެއް ފޮނުވާފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ރާއްޖޭގެ ބެޑްމިންޓަންގެ ހާލަތު ގޯސްވެފައިވާއިރު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ހިންގާ ކޮމިޓީގެ ދައުރު މިދިޔަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ހަމަވެފައިވީ ނަމަވެސް، މިހާތަނަށް އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވާފައެއް ނުވެއެވެ. އަދި ބީއޭއެމްގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ވެސް މިހާތަނަށް އައިއިރު ގެނަސްފައެއް ނުވެއެވެ.
ބީއޭއެމްގެ މައްސަލަ ހައްލުކުރަން ބީޑަބްލިއުއެފްއިން ތާއީދުކުރީ، އެ ޖަމިއްޔާގެ މެމްބަރަކާއި، އެމްއޯސީގެ މެމްބަރަކާއި، އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރަކު ހިމެނޭ ގޮތަށް ޖޮއިންޓް ކޮމިޓީއެއް އެކުލަވާލުމަށެވެ. ނަމަވެސް އެކަން ކުރިޔަށް ނުގޮސް، މައްސަލަ އުފެދުނީ ގާނޫނީ ވަކީލަކާއި، ބެޑްމިންޓަން ކޮމިއުނިޓީގެ މެމްބަރަކު ހިމެނޭހެން، އިތުރު ދެ މެމްބަރަކު ކޮމިޓީއަށް އައްޔަންކުރަން އެމްއޯސީން ހުށަހެޅުމުންނެވެ.
އަދި ބީޑަބްލިއުއެފްއަށް ނޭންގި އެމްއޯސީން ދެ މެމްބަރަކު ކޮމެޓީއަށް އައްޔަނުކޮށް މަސައްކަތްކުރަމުން ދިޔައިރު، އެ ފަރާތުގެ މިނިވަންކަމާމެދު އެ ފެޑެރޭޝަނުން ވަނީ ސުވާލުއުފައްދާފައެވެ.
އެ ހިސާބުން އެމްއޯސީއިން އެ ކޮމިޓީ އުވާލައި، ސްޕޯޓްސް ކޮމިޝަނަރުގެ ލަފާގެ މަތިން ތިން މެމްބަރުންގެ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލީ ކަމަށާއި، ބީޑަބްލިއުއެފްއިން އެކަން ނަގަނީ އެތަނުގެ ގަވާއިދާއި ހިލާފުވުން ކަމަށް އެ ފެޑެރޭޝަނުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
އޭގެ ކުރިން މިނިސްޓްރީން ވަނީ އެ މަސައްކަތްތައް ނިމެންދެން އެސޯސިއޭޝަނުގެ ގައުމީ ހައިސިއްޔަތު ވެސް ނަގައިފައެވެ. މިނިސްޓްރީން ބުނީ އެ ފިޔަވަޅު އަޅަން ޖެހުނީ އެ އެސޯސިއޭޝަންގެ އެތެރޭގައި ހުރި މައްސަލަތައް ހައްލުކޮށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް އެކި ގޮތްގޮތުން ކުރެވުނު ގިނަ މަސައްކަތްތަކުގައި އެ އެސޯސިއޭޝަންގެ އެއްބާރުލުން ނުލިބި ދިގުލައިގެން ދިއުމުން ކަމަށެވެ.