ޚަބަރު
ސަމާލުވޭ: ދިރާގުގެ ނަން ބޭނުންކޮށްގެން ލެޕްޓޮޕް ބަހާ ސްކޭމެއް

ދިރާގުގެ ނަމުގައި ހިންގާ ސްކޭމް
ފޭސްބުކުގައި "ލެޕްޓޮޕްސް ފޮރ އެވްރީވަން.އެމްވީ" ގެ ނަމުގައި ދައުރުވަމުންދާ އިޝްތިހާރެއްގައި، ހަވާލުނުކުރެވި ހުރި އެޗްޕީ ލެޕްޓޮޕްތަކެއް ޑިސްކައުންޓް އަގެއްގައި ވިއްކަމުންދާ ކަމަށް ބުނެ، އެ ލެޕްޓޮޕްތައް 46 ރުފިޔާއަށް ވިއްކަމުންދާ ކަމަށް ދޮގު މަޢުލޫމާތު ފަތުރަމުން އެބަދެއެވެ. މި އިޝްތިހާރުގައި ބޭނުންކޮށްފައިވާ ފޮޓޯގައި ދިރާގުގެ ލޯގޯއާއި ޕްރޮމޯޝަނަލް ޓެގެއް ޖަހާފައިވާ އެޗްޕީ ލެޕްޓޮޕްތަކެއްގެ ސްޓޮކެއް ފެންނަން ހުރެއެވެ. މިއީ ޢާންމުންގެ އިތުބާރު ހޯދުމަށް ކުރެވޭ މަކަރުވެރި މަސައްކަތެކެވެ.
މިފޮޓޯގައި ބޭނުންކޮށްފައިވާ ލެޕްޓޯޕްތަކުގެ ފޮޓޯއަކީ އަލީބާބާ ފަދަ ހޯލްސޭލް ކޮސް ތަކެތި ވިއްކާ ބައެއް ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ފޮޓޯއެކެވެ.
މި އިޝްތިހާރަކީ ދިރާގާ ނުވަތަ ރާއްޖޭގެ އެއްވެސް ރަސްމީ އިލެކްޓްރޯނިކްސް ވިއްކާ ފަރާތަކާ ގުޅުން ހުރި އިޝްތިހާރެއް ނޫނެވެ. މި އިޝްތިހާރުގައިވާ ލިންކުން ގުޅެނީ ތިންވަނަ ފަރާތެއްގެ ވެބްސައިޓަކަށެވެ. (oneelectroniclimited.info). މިއީ އަމިއްލަ މަޢުލޫމާތު ނުވަތަ ފައިސާގެ މުޢާމަލާތްތައް ހޯދުމަށް އަމާޒުކޮށްފައިވާ ފިޝިންގ ނުވަތަ މަކަރުވެރި ސައިޓެއް ކަމަށް ބެލެވެއެވެ.
ޢާންމުން ސަމާލުވާންވީ ބައެއްކަންކަން:
• މި ލިންކު މެދުވެރިކޮށް އަމިއްލަ މަޢުލޫމާތު ނުވަތަ ފައިސާގެ މުޢާމަލާތްތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހިއްސާ ނުކުރައްވާ
• މި އިޝްތިހާރު ފޭސްބުކުގެ ޤަވާޢިދުތަކާ ޚިލާފުވާ ކަމަށް ރިޕޯޓުކުރައްވާ
• އެއްޗެއް ގަތުމުގެ ކުރިން، ހުށަހަޅާފައިވާ އޮފަރތައް ހުއްދަ ލިބިފައިވާ ފިހާރަތަކުން ނުވަތަ ކުންފުނީގެ ރަސްމީ ވެބްސައިޓުން ކަށަވަރުކުރައްވާ
ދިރާގުން މިފަދަ އެއްވެސް ޕްރޮމޯޝަނެއް އިޢުލާނުކޮށްފައެއް ނުވެއެވެ. މިއީ އެ ކުންފުނީގެ ބްރޭންޑް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާ މަކަރުވެރި ކެމްޕޭނެއް ކަމަށް ބެލެވެއެވެ.
މި މަޢުލޫމާތު ހިއްސާކޮށް، ރައްޓެހިންނާއި ޢާއިލާ އޮންލައިން ސެކޭމްތަކުން ސަލާމަތްކުރުމަށް އެހީތެރިވެދެއްވުން އެދެމެވެ.