Ads by Aqeeqa Maldives

ޚަބަރު

އެސްޓީއޯގެ ސިޓީ ހޮޓެލް ބިމުގެ ބަދަލުގައި ހުޅުމާލެ ފޭސް 3 އިން 40،000 އަކަފޫޓުގެ ބިމެއް ދެނީ

އެސްޓީއޯގެ ސިޓީ ހޮޓެލް ބިމުގެ ބަދަލުގައި ހުޅުމާލެ ފޭސް 3 އިން 40،000 އަކަފޫޓުގެ ބިމެއް ދެނީ

އެސްޓީއޯގެ ސިޓީ ހޮޓެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 މޭ 2025، 04:36

18 މޭ 2025، 04:36

ހުޅުމާލޭގައި ސިޓީ ހޮޓެލް ތަރައްޤީކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ދީފައިވާ ބިމުގެ ބަދަލުގައި، ހުޅުމާލެ ފޭސް 3 އިން 40،000 އަކަފޫޓުގެ ބިމެއް އެ ކުންފުންޏަށް ލިބޭނެ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ސަރުކާރުން ވަނީ ސިޓީ ހޮޓެލް ތަރައްޤީކުރުމަށް ދީފައިވާ ބިމުގެ ބަދަލުގައި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން އިތުރު ދެ ބިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ދިނުމަށް ނިންމާފައި ކަމަށެވެ.

"ބިން އެސްޓީއޯއަށް ލިބުނު ކަމުގެ ސިޓީ ލިބިފައިވޭ. މިހާރު ކުރަމުން އަންނަނީ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެ ބިން އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް. ކުރިއަށް އޮތް ހަފްތާއެއް ނޫނީ ދެތިން ހަފްތާ ތެރޭ އަޅުގަނޑުމެންނަށް އެކަން ހާސިލް ވެގެންދާނެ،" ޝިމާދު ވިދާޅުވިއެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓަލަކީ ރެޑިސަން ބްލޫއާއެކު އެއްބަސްވުމެއްގެ ދަށުން ތަރައްޤީކުރަމުންދިޔަ 250 ކޮޓަރީގެ 5 ތަރީގެ ހޮޓަލެކެވެ. މި ހޮޓާ ހުންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ. ނަމަވެސް، މި ޕްރޮޖެކްޓް ނުނިމި ގިނަ ދުވަސްތަކެއް ވުމާއެކު، އެ ބިން މިހާރު ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހަވާލުކޮށްފައެވެ.

ޝިމާދު އިތުރަށް ވިދާޅުވީ، ވިޔަފާރީތައް ކުރުމާއި އިތުރު އެސެޓްތައް ގަތުމާއި އެސްޓީއޯއާ ނުގުޅޭ ބައެއް ވިޔަފާރީތައް ދޫކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ. މި ގޮތުން، ހުޅުމާލޭގައި ހަދާފައިވާ ހޮޓަލާ ގުޅިގެން އެޗްޑީސީއާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން 2006 ވަނަ އަހަރު ޓޫރިޒަމް ދާއިރާއަށް ވަންނަން ނިންމައި، "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 2011 ވަނަ އަހަރު ހޮޓާ ތަރައްޤީކުރަން ފެށިއެވެ. ނަމަވެސް، އޭގެ ފަހުން އެތަނުގެ މަސައްކަތް ހުއްޓި، އެކި ފަހަރު މަތިން އެތަން ވިއްކާލަން ކުރި މަސައްކަތް ނާކާމިޔާބުވެ ކުންފުންޏަށް ދިޔައީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

މި އިމާރާތުގެ ބައެއް ފަންގިފިލާތައް ސަރުކާރުން ވަނީ ނަގާފައެވެ. އަދި އެތަނުގެ ބައެއް ފަންގިފިލާތައް މީޑިއާ ވިލެޖަށް ޚާއްސަކޮށްފައިވާއިރު، ހަމަޖެހޭ އުސޫލަކުން މީޑިއާތަކަށް ވަރަށް ކުޑަ އަގެއްގައި އޮފީސް ހިންގަން އެ އިމާރާތުން ޖާގަ  ދޫކުރައްވާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

މި ބަދަލާއެކު، އެސްޓީއޯއަށް ލިބޭ އައު ބިމުގައި ކުންފުނިން ކުރިއަށް ގެންދާނެ މަޝްރޫޢުތަކާ ބެހޭ ގޮތުން އަދި އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ބިން ލިބުމަކީ އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ބެލެވެއެވެ.

ހުޅުމާލޭގެ ތަރައްޤީއާއެކު، މި ސަރަހައްދުގައި އިތުރު ވިޔަފާރިތަކާއި ދިރިއުޅުމުގެ ވަސީލަތްތައް އިތުރުވަމުން އަންނައިރު، އެސްޓީއޯގެ މި އައު ބިމުގައި ކުރިއަށް ގެންދާނެ މަޝްރޫޢުތަކަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.

               


                    

މި ލިޔުން ކިޔާލުމުން

Ads by MSS