ޚަބަރު
މުދާ ޖެޓީ ސަރަހައްދުގައި ކަންބޮޑުވުން ފާޅުކުރި އޮޑިވެރިންނަށް އެޗްޑީސީން ވަގުތުން ހައްލު ހޯދައިދީފި

އޮޑިވެެރިންނާއި އެޗްޑީސީގެ ވެރިން ބައްދަލުކުރުން. ފޮޓޯ: އެޗްޑީސީ
ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި ކަންބޮޑުވުން ފާޅުކުރި އޮޑިވެރިންނަށް ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަނުން ވަގުތުން ހައްލު ހޯދައިދީފިއެވެ.
އެޗްޑީސީ އިން ބުނެފައިވަނީ ހުޅުމާލެ މުދާ ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގައި، ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.
މުދާ ޖެޓީ ތަރައްޤީ ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެދި މި ކޯޕަރޭޝަނުން 09 އޭޕްރީލް 2025 ގައި ވަނީ އިއުލާންކޮށްފައެވެ.
އެހެންނަމަވެސް، އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް ދިން މުހުލަތު ފަހަނައެޅުމުން، މިއަދު އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް މި ކޯޕަރޭޝަނުން އެންގުމާއެކު، ބައެއް އޮޑިވެރިން އެ ސަރަހައްދަށް އެއްވެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
އެހެންކަމުން، އެ އޮޑިވެރިންނާ އެ ކޯޕަރޭޝަންގެ އިސްވެރިން މަޝްވަރާ ކުރުމަށްފަހު، މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައި ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ މިފަދަ އެންމެހާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.