ދުނިޔެ
އުތުރު ޣައްޒާގެ ހޮސްޕިޓަލްތަކަށް ފަރުވާއަށް އެދި އަންނަމީހުން ގިނަވެ ފުނިޖެހިއްޖެ

އިންޑޮނޭޝިޔާ ހޮސްޕިޓަލްގެ އެތެރޭގެ މަންޒަރެއް
އުތުރު ޣައްޒާގެ ހޮސްޕިޓަލްތައް ފަރުވާއަށް އެދި އަންނަމީހުން ގިނަވަ ފުނިޖެހިފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.
ޣައްޒާގެ އުތުރުގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ސަޚްރު ހަމާދު ވިދާޅުވީ އެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ޒަޚަމްވެފައިވާ މީހުން ފަރުވާއަށް އެދި އަންނަލެއް އިންތިހާއަށް ގިނަވެފައިވާކަމަށެވެ.
[ކަމަލް އަދުވާން] ހޮސްޕިޓަލުގައި މިވަގުތު އެއްވެސް ކޯޑިނޭޝަނެއް ނެތް، އަދި މި ހިނގަމުންދާ ކަންކަމަކީ ރިސްކެއް.
އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ހަމާދު ވިދާޅުވި އެވެ.
ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ކުރިން އިއުލާން ކުރި ގޮތުގައި ޣައްޒާގެ އުތުރުގެ ހުރިހާ ޕަބްލިކް ހޮސްޕިޓަލްތަަކެއްގެ ޚިދުމަތް ވަނީ ހުއްޓިފައެވެ. އަދި އެކަން އެހެން ދިމާވެފައިވަނީ އެ ސަރަހައްދުގައި ހުރި ހަމައެކަނި ޚިދުމަތްދެވޭ ހޮސްޕިޓަލް ކަމަށްވާ އިންޑޮނޭޝިއާ ހޮސްޕިޓަލަށް އިޒްރާއީލުގެ ސިފައިން ވަދެ ފާސްކޮށް އެތަން ބަންދުކޮށް އެތަނުގެ ތެރެއިން ބަލިމީހުން ނެރެން މަޖުބޫރު ކުރުމާއި ގުޅިގެނެވެ.
ހޮސްޕިޓަލްތަކުގެ ޙާލަތު މިހާހިސާބުގައި ހުރިއިރު ޣައްޒާގެ ސިވިލް ޑިފެންސްގެ 4 އުޅަނދުގެ ތެރެއިން ތިން އުޅަނދު ވަނީ ޚިދުމަތް ނުދެވޭ ޙާލަތުގައެވެ.
އިޒްރާއީލުގެ ވައިގެ ހަމަލާތަކުގެ ބާރު އިތުރުވަމުންދާއިރު، ކުއްލި ކޯލުތަކަށް ޣައްޒާގެ ސިވިލް ޑިފެންސަށް ޖަވާބުދާރީ ނުވެވޭކަމަށް އެ ސާވިސްއިން ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައިބުނެފައިވެއެވެ.
އެ ޖަމިއްޔާއިން ބުނެފައވަނީ ޒަރޫރީ ވަސީލަތްތަކުގެ ދަތިކަން ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށާއި އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ތެލުގެ ދަތިކަމާއި، ހެވީ ރެސްކިއު އިކުއިޕްމަންޓްތަކާއި ސްޕެއާ ޕާޓްސް، އަދި ވެހިކަލް މަރާމާތު ކުރުމަށް ބޭނުންވާ ތަކެތީގެ ދަތިކަން ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ޣައްޒާގެ ހުރިހާ ސަރަހަދެއްގައި ސިވިލް ޑިފެންސް ވެހިކަލްތަކުގެ 75 ޕަސެންޓް މިހާރު ހިދުމަތް ކެނޑިފައިވާ ކަމަށް ވެސް އެޖަމިއްޔާއިން ބުނެފައިވެއެވެ.
މީގެއިތުރުން އެ ޖަމިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާވަރަށް ތެޔޮ ފޯރުކޮށްނުދީފިނަަމަ "ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި" ހުރިހާ ވެހިކަލްތަކެއްގެ ޚިދުމަތް ހުއްޓިދާނެ ކަމަށެވެ.