Ads by Aqeeqa Maldives

ޚަބަރު

ރައުދު ބަންދުކުރުމަށް ނެރުނު އަމުރުގައި މައްސަލަ އުޅޭތީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

ރައުދު ބަންދުކުރުމަށް ނެރުނު އަމުރުގައި މައްސަލަ އުޅޭތީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

ރައުދު އަޙުމަދު ޒިލާލު ---

18 މޭ 2025، 09:38

ހ. މިޓާޒްގޭގެ ފުރާޅު މައްޗަށްވެއްޓިފައި އޮތް ޙައްވާ ޔުމްނު ރަޝީދުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރައުދު އަޙުމަދު ޒިލާލު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު  އަމުރުގައި މައްސަލަ އުޅޭތީ، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ރައުދު ބަންދުގައި ބެހެއްޓުމަށް އެންމެ ފަހުން ނެރުނު އަމުރުން، ރައުދުގެ ވަކީލު ވަނީ  ފަސް މައްސަލައެއް ފާހަގަކޮށްފައެވެ. އެއީ:

  • ރައުދުގެ ބަންދު އިތުރު ކުރަން ފުލުހުން ނުބައި މާއްދައަކާ ހަވާލާދީ ކޯޓަށް ހުށަހެޅުން
  • އެއީ އޮޅުމެއް ކަމަށް ބުނެ އަނެއްކާވެސް ނުބައި މާއްދާއަކާ ހަވާލާދީ ސްޓޭންޑް ބަދަލުކުރުން
  • ބަންދު މަޖިލީހުގައި އިންނެވި ގާޒީ އަމިއްލައަށް ދެ ހައްސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ މުއްދަތު ޖެހުން
  • ގާޒީ ހަވާލާދިން މާއްދާގައި ބަޔާންކުރާ ގޮތާ ހިލާފަށް މުއްދަތު ދިނުން
  • އާ ހެއްކެއް ހުށަހަޅާފައި ނެތީސް ހެކީގެ ނިސްބަތް ދަރަޖަ މަތިކުރުން

ޔުމްނު ވެއްޓުނު މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވިގެން ރައުދު ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގިތާ ހަ ދުވަސްފަހުން، އޭޕްރީލް 24 ގައެވެ. މި މައްސަލައިގެ އިތުރުން، ފުލުހުން ވަނީ ރައުދުގެ މައްޗަށް އިތުރު ދެ ތުހުމަތެއް ވެސް ކޮށްފައެވެ. އެއީ އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތެވެ.

މި މައްސަލާގައި ތުހުމަތުކުރޭ މީހުންގެ ތެރެއިން، ރައުދު ފިޔަވާ ދެންތިބި މީހުން ވަނީ، ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅުހަދާފައެވެ. އެ މީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާބޮޑު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން މި އެންމެންގެ ފޯނުތައް ފުލުހުން ހިފަހައްޓާފައި ވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS