ކުޅިވަރު

އަމިއްލަ ދަނޑުގައި ކުޅުނު ލީގުގެ ފަހު މެޗުގައި ބާސެލޯނާއިން ތަށި އުފުލާލައިފި

އަމިއްލަ ދަނޑުގައި ކުޅުނު ލީގުގެ ފަހު މެޗުގައި ބާސެލޯނާއިން ތަށި އުފުލާލައިފި

ބާސެލޯނާގެ ތަރި ލެމީން ޔަމާލް ތަށި އުފުލާލަނީ، ފޮޓޯ: ރޮއިޓާސް

19 މޭ 2025، 07:50

އެސްޕެންޔޯލް 2-0 އިން ބަލިކުރުމަށްފަހު މިދިޔަ ހަފްތާ ސްޕެނިޝް ލީގު ޔަޤީންކުރި ބާސެލޯނާއާ، އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފަހު މެޗަށް ފަހު ތަށި ހަވާލުކޮށްފިއެވެ.

ބާސެލޯނާއިން 28 ވަނަ ފަހަރަށް ކާމިޔާބުކުރި ލީގު ތަށި ރޭ އުފުލާލާފައި ވަނީ، އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް މި ސީޒަނުގައި ނުކުޅެވުނު، އެ ޓީމުގެ ކެޕްޓަން މާރކް-އެންޑްރެ ޓަރ ސްޓެޖެންއެވެ. 

ތަށި އުފުލާލި ނަމަވެސް، ރޭގެ މެޗުގައި ވިޔަރިއާލް އަތުން ބާސެލޯނާ ވަނީ ބަލިވެފައެވެ. އެ މެޗުގައި ވިޔަރިއާލްއިން ވަނީ މެޗުގެ 4 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ، ކުރިން ލެސްޓަރ ސިޓީ އާއި ނިއުކާސްލް ޔުނައިޓެޑަށް ވެސް ކުޅުނު އަޔޯޒީ ޕެރޭޒްއެވެ. 

ނަމަވެސް ބާސެލޯނާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ނަގާފައެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ލެމީން ޔަމާލްގެ މޮޅު ގޯލަކުންނެވެ. އޭނާ ވަނީ ރޭގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ބާސެލޯނާއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ފާރމިން ލޮޕޭޒްގެ ގޯލަކުންނެވެ.

އުފާފާޅުކުރުންތައް ރާވާފައި އޮއްވައި ވިޔަރެއާލްއިން ބާސެލޯނާ ދެރަކޮށްލީ ދެވަނަ ހާފުގެ 5 ވަނަ މިނެޓުގައި ސާންތި ކޮމިސެނިއާ ކާމިޔާބުކުރި ގޯލަކުންނާއި، މެޗު ނިމެން 10 މިނެޓަށްވެފައި ވަނިކޮށް ޓަޔޮން ބުކަނަން ކާމިޔާބުކުރި ގޯލަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔަމާލް ބުނީ، މެޗުގައި ގޯލެއް ކާމިޔާބު ކުރެވުމުން އުފާކުރާކަމަށާއި، ނަމަވެސް އެ ގޯލާއެކު ޓީމު މޮޅު ނުވުމަކީ ބޭނުންވި ގޮތް ނޫންކަމަށެވެ. އަދި މިވަގުތަށް އެންމެ މުހިންމު ކަމަކީ ލީގު ކާމިޔާބު ކުރެވުމުން އުފާފާޅު ކުރުންތައް ކުރިޔަށް ގެންދިއުންކަމަށް އޭނާ ބުނެފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS