ޚަބަރު
އެމްޑަބްލިޔުއެސްސީގެ އައު އެޕާއެކު ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް

އެމްޑަބްލިޔުއެސްސީ ފޮޓޯ:ކޮރަލް ގްލާސް
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)ގެ އައު އެޕްލިކޭޝަނާއެކު ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ކުންފުނި ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާ ކަމަށެވެ. މިގޮތުން މިހާރު 10،000 ފަރާތަކަށް ސްމާރޓް މީޓަރު ހަރުކޮށްދީފައިވާ ކަމަށާއި، މީގެ ތެރެއިން އިން 7،000 މީޓަރު މިހާރުވެސް ބޭނުންކުރަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެންމެ އަވަހަށް ކުރާނެ ކަމަކީ އެ ކުންފުނިން ގެންގުޅޭ އެޕް އައު ބަދަލުތަކަކާއެކު އިފްތިތާހްކުރުން ކަމަށް މަތީން ވިދާޅުވިއެވެ. މި އެޕްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިފްތިތާހްކުރެވޭނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
އައު އެޕާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ފަސޭހަތަކުގެ ތެރޭގައި:
- ޑިޖިޓަލް މީޓަރާ ގުޅުވާފައިވުން
- ފެން ލީކެއް ހުރެގެން ކުއްލިއަކަށް ބިލް ބޮޑުވާ ހާލަތުގައި މެސެޖް ލިބުން
- މެނުއަލްކޮށް ގޭބީސީތަކަށް ނުގޮސް ފެން ބިލް އަލުން ގުޅާލެވުން
- ގިނަ ބިލްތައް އެއްފަހަރާ ދެއްކުމުގެ ފުރުސަތު
- އެކައުންޓް ސްޓޭޓްމަންޓް ބެލުމުގެ ފަސޭހަކަން
- އީފާސް މެދުވެރިކޮށް ލޮގިންވުމުގެ ފުރުސަތު
- ސްމާރޓް މީޓަރު ހަރުކޮށްފައިވާ ފަރާތްތަކަށް ރީޑިންތައް ބަލައި، ބިލްގެ ފޯކާސްޓް ހެދުމުގެ ފުރުސަތު ހިމެނެއެވެ.
މި އައު އެޕްލިކޭޝަނާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ފަސޭހަތަކުގެ ސަބަބުން ޚިދުމަތް ހޯދުމުގައި ދިމާވާ ގިނަ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން އުންމީދުކުރެއެވެ.