ދުނިޔެ
އަނިޔާވެރި އިސްރާއީލުން ޣައްޒާއަށް މަދު މިންވަރެއްގެ ކާބޯތަކެތީގެ އެހީ ވެއްދުމަށް ހުއްދަ ދީފި

ޣައްޒާގެ ރައްޔިތުންނަށް އެއްވެސް އެހީތެރިކަމެއްނުލިބޭތާ 2 މަސް
ގައްޒާ ސަރަޙައްދަށް ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހު ފުރިހަމަ ބްލޮކޭޑެއް އަޅާފައިވަނިކޮށް، އިސްރާއީލުން މިހާރު ވަނީ އެ ސަރަޙައްދަށް މަދު މިންވަރެއްގެ ކާބޯތަކެތީގެ އެހީ ވެއްދުމަށް ހުއްދަ ދީފައެވެ. މި ނިންމުން އައިސްފައިވަނީ އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބައިނަލްއަޤްވާމީ ކަންބޮޑުވުން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ އިސްރާއީލުގެ ސިފައިންގެ ލަފާގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ޣައްޒާގައި ބަނޑުހައިހޫނުކަން އުފެދުމުގެ ސަބަބުން އެ ސަރަޙައްދުގައި ކުރަން ބޭނުންވާ ސިފައިންގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިދާނެތީ، ކާބޯތަކެތި ވެއްދުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
މާރިޗު 2 އިން ފެށިގެން އިސްރާއީލުން ވަނީ ގައްޒާއަށް ކާބޯތަކެއްޗާއި، ސާފު ފެނާއި، ތެލާއި އަދި ބޭސްފަރުވާގެ ތަކެތި ވެއްދުން މުޅިން ހުއްޓުވާފައެވެ. މި ބްލޮކޭޑުގެ މަޤްޞަދަކީ ހަމާސްއަށް ފިއްތުން ބޮޑުކުރުން ކަމަށްވީ ނަމަވެސް، މީގެ ސަބަބުން އާންމު ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އިސްރާއީލުގެ ސަރުކާރުން ބުނެފައިވަނީ، މި އެހީ ހަމާސްގެ އަތްދަށަށް ނުދިއުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި އެހީ ބެހުމުގައި ބޭނުންކުރާނެ ނިޒާމުތަކެއް އެކުލަވާލަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް، އެހީދޭ ޖަމްޢިއްޔާތަކުން ވަނީ ޣައްޒާގެ ހާލަތު އަދިވެސް ނުރައްކާތެރި ކަމަށް އިންޒާރުދީފައެވެ. ޣައްޒާގައި ދެ މިލިއަނަށްވުރެ ގިނަ މީހުން ދަނީ ދަތި ހާލުގައި ދިރިއުޅެމުންނެވެ. އަދި މިހާރު ވައްދަން ހުއްދަދީފައިވާ މަދު މިންވަރުގެ ކާބޯތަކެތިން އެ ސަރަޙައްދުގެ އެންމެހާ ބޭނުންތައް ފުއްދޭނެ ކަމަކަށް ނުބެލެވެއެވެ.
އދ އާއި އެހެނިހެން އިންސާނީ އެހީދޭ ޖަމްޢިއްޔާތަކުން ވަނީ ޣައްޒާއަށް ހުރަހެއްނެތި އެހީ ފޯރުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. އަދި ބަނޑުހައިހޫނުކަމާއި އަސާސީ ޚިދުމަތްތައް މުޅިން ހުއްޓުމަކަށް އައުން ހުއްޓުވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ބޮޑު މިންވަރަކަށް އެހީ ފޯރުކޮށްދިނުމުން އެކަނި ކަމަށް ބުނެފައިވެއެވެ.