ސައިންސް / ދުނިޔެ

ހަކުރުބަލީގެ ފަސްވަނަ ބާވަތް ވަކި ބާވަތެއްގެ ގޮތުގައި ރަސްމީކޮށް ފާހަގަކޮށްފި

ހަކުރުބަލީގެ ފަސްވަނަ ބާވަތް ވަކި ބާވަތެއްގެ ގޮތުގައި ރަސްމީކޮށް ފާހަގަކޮށްފި

ހަކުރު ޓެސްޓު ކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 މޭ 2025، 04:01

19 މޭ 2025، 04:01

އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، ހަކުރުބަލީގެ ފަސްވަނަ ބާވަތް ވަކި ބާވަތެއްގެ ގޮތުގައި ރަސްމީކޮށް ފާހަގަކޮށްފިއެވެ. މިއީ މި ބައްޔަށް އިތުރުވި އައު ބާވަތެކެވެ.

ޑައިބެޓީސްއަކީ އެތައް ބާވަތެއް ހިމެނޭ ބައްޔެއްކަން ފާހަގަކުރެވެއެވެ. މިގޮތުން ޓައިޕް 1 ޑައިބެޓީސްގައި ހަށިގަނޑުގެ ދިފާޢީ ނިޒާމުން އިންސިއުލިން އުފައްދާ ސެލްތައް ނައްތާލައެވެ. މި ބާވަތުގެ ޑައިބެޓީސް ޢާންމުކޮށް ފެށެނީ ކުޑަކުދިންގެ ކިބައިން ނަމަވެސް، ކޮންމެ އުމުރެއްގައިވެސް ޖެހިދާނެއެވެ.

ޓައިޕް 2 ޑައިބެޓީސްއަކީ އެންމެ އާންމު ބާވަތެވެ. މި ބާވަތް ގިނައިން ޖެހެނީ ބަރުދަން އިތުރު މީހުންނަށެވެ. ނަމަވެސް ހަށިގަނޑު ހިކި މީހުންނަށްވެސް މި ބާވަތުގެ ޑައިބެޓީސް ޖެހިދާނެއެވެ. މި ބާވަތުގައި ހަށިގަނޑުން އެކަށީގެންވާ މިންވަރަށް އިންސިއުލިން ނުއުފައްދައެވެ.

އަލަށް ދެނެގަނެވުނު ޓައިޕް 5 ޑައިބެޓީސްއަކީ ކުޑައިރު ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ޖެހޭ ބާވަތެކެވެ. މި ބާވަތް ގިނައިން ފެންނަނީ ދަށް އާމްދަނީ ލިބޭ ޤައުމުތަކުގައެވެ. މުޅި ދުނިޔޭގައި މި ބާވަތުގެ ޑައިބެޓީސް ޖެހިފައިވަނީ ގާތްގަނޑަކަށް  25 މިލިއަން މީހުންނަށެވެ.

ޓައިޕް 5 ޑައިބެޓީސް ޖެހެނީ ކުޑައިރު ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ޕެންކްރިއާސް ރަނގަޅަށް ނުއުފެދުމުންނެވެ. މައިމީހާއަށް މާބަނޑު އިރު ރަނގަޅު ކާނާ ނުލިބުމުން ނުވަތަ ކުޑަކުދިންނަށް ޕްރޮޓީން މަދު ކާނާ ލިބުމުން ޕެންކްރިއާސް ކުޑަވެ، ފަހުން ޑައިބެޓީސް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ޑައިބެޓީސްގެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ބަރުދަން ލުއިވުމާއި، ގިނަގިނައިން ކުޑަކަމުދާން ދިއުމާއި، ވަރުބަލިވުން ހިމެނެއެވެ. މި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް ޞިއްޙީ މާހިރުން އިރުޝާދު ދެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS