ޚަބަރު
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް 141 ބޭފުޅުން ނަން ހުށަހަޅައިފި

ޤައުމީ އިނާމާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއް. ފޮޓޯ: ރައީސް އޮފީސް
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށައެޅުމަށް ހުޅުވާލުމުން 141 ބޭފުޅަކު ނަން ހުށައަޅުއްވައިފައި ކަމަށް ޤައުމީ އިނާމާ ބެހޭ ކޮމިޓީއިން ބުނެފިއެވެ.
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށައެޅުމަށް ހުޅުވާލި މުއްދަތު މާރިޗުމަހުގެ 18 އަށް ހަމަވިއިރު، އެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ވަޒީފާގެ ލިޔުންތައް ބަލައި، އިންޓަވިއުއަށް ޝަރުޠުހަމަވާ ބޭފުޅުން ކަނޑައަޅުއްވާފައިވާ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވިދާޅުވެއެވެ. އަދި މިހާރު އިންޓަވިއު މަރުހަލާ ފަށާފައިވާ ކަމަށް ޤައުމީ އިނާމާ ބެހޭ ކޮމިޓީއިން ވަނީ ބުނެފައެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ޤާބިލްކަމާއި، އިޚްލާޞްތެރިކަމާ އެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވުމުގެ ޖަލްސާ، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ، މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.