ދުނިޔެ

ފްލޮރިޑާގައި ބޯފެނަށް ފްލޯރައިޑް އެޅުން މަނާކޮށްފި

ފްލޮރިޑާގައި ބޯފެނަށް ފްލޯރައިޑް އެޅުން މަނާކޮށްފި

ފްލޮރިޑާގެ ގަވަރނަރ ރޮން ޑިސެންޓިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 މޭ 2025، 05:39

19 މޭ 2025، 05:39

މިދިޔަ މަހު ފްލޮރިޑާގެ ގަވަރނަރ ރޮން ޑިސެންޓިސް ވަނީ އާންމު ބޯފެނަށް ފްލޯރައިޑް އެޅުން މަނާކުރާ ޤާނޫނެއްގައި ސޮއިކުރައްވާފައެވެ. މިއާއެކު، އެމެރިކާގެ ދެވަނަ ސްޓޭޓްގެ ގޮތުގައި ފްލޮރިޑާ ވަނީ މިކަން މަނާކޮށްފައެވެ. މީގެ ކުރިން މިފަދަ ޤާނޫނެއް ފާސްކޮށްފައިވަނީ ޔުޓާ ސްޓޭޓުންނެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި ޤާނޫނު ފާސްކުރުމާ ގުޅިގެން ޞިއްޙީ އަދި މެޑިކަލް ދާއިރާގެ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ކުޑަކުދިންގެ މެދުގައި ދަތުގެ މައްސަލަތައް އިތުރުވެދާނެއެވެ.

މި އައު ޤާނޫނުގެ ދަށުން، ބޯފެން ސާފުކުރުމުގައި ބޭނުންކުރެވޭނީ އިންސާނުންގެ ޞިއްޙަތަށް ރައްކާތެރި ކަމަށް ބެލެވޭ ތަކެއްޗެވެ. މިހާރު ފްލޮރިޑާގެ އާބާދީގެ 70 އިންސައްތައަށްވުރެ ގިނަ މީހުންނަށް ލިބެމުން އައީ ފްލޯރައިޑް އެޅިފައިވާ ފެނެވެ. ނަމަވެސް މި އައު ޤާނޫނާ އެކު މިކަން ހުއްޓާލެވޭނެއެވެ.

މިކަމާ ގުޅޭގޮތުން ގަވަރނަރ ޑިސެންޓިސް ވިދާޅުވެފައިވަނީ ދަތުގެ ޞިއްޙަތަށް ފްލޯރައިޑް ބޭނުންކުރުމަކީ އަމިއްލަ ޚިޔާރެއް ކަމަށާއި، ނަމަވެސް އާންމު ފެނަށް މިއެއްޗެހި އެޅުމަކީ މީހުންގެ ރުހުމެއް ނެތި ބޭސް ދިނުމާ އެއްފަދަ ކަމެއް ކަމަށެވެ.

ފްލޯރައިޑަކީ ދަތުގެ ބަލިތައް ހުއްޓުވުމަށް އެތައް އަހަރެއް ވަންދެން ބޯފެނަށް އަޅަމުން އައި މާއްދާއެކެވެ. އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ފަދަ ޞިއްޙީ ޖަމްޢިއްޔާތަކުން މިކަން ތާއީދުކުރަމުން އައި ނަމަވެސް، ފްލޮރިޑާއިން މިހާރު ވަނީ މިކަން މަނާކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS