ޚަބަރު
އޭދަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ވުޒާެރާ
ބ.އޭދަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދުއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެވެ.
މި މަޝްރޫޢުގެ ދަށުން 5.3 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު މަތީގެ ރޮނގިތަކާއި ނިޝާންތައް ކުރެހުމާއި އަދި މަގުގެ ސައިން ބޯޑުތައް ހަރުކުރުން ހިމެނެއެވެ.
މި މަސައްކަތުގެ އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 75,688,000.78 ރުފިޔާއަށެވެ.
އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަަރަށް ހެދުމަށް މޯލްޑީވްސް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)، މިހާރުގެ ގޮތުންނަަމަ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކުރީ 2015 ވަނަ އަހަރުގެ ޖޫންމަހުގެ 16 ގައެވެ. މި މަސައްކަތް އެ ކުންފުންޏާއި އޭރު ހަވާލުކުރީ 33މިލިޔަން ރުފިޔާއަށް އެއް އަހަރުދުވަސް ތެރޭގައި ނިންމާގޮތަށެވެ. އޭރު ހަވާލުކުރީ އެ ރަށުގެ 15 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށެވެ.
2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅު އެމްއާރްޑީސީއިން މިމަސައްކަތް ފަށައި ނުނިމިވަނިކޮށް 2018 ވަނަ އަހަަރުގެ ރިޔާސީ އިންތިޚާބަަށް މަސައްކަތް މެދުކަނޑާލިއެވެ.
އެއަށްފަހު އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް ދެން ހަވާލުކުރެވުނީ އެމްޓީސީސީއާއެވެ. އެމްޓީސީސީއަށް މިމަސައްކަތް ހަވާލުކުރެވުނީ 2019 ވަނައަހަރުއެވެ. އޭރު އެމަސައްކަތުގެ 90 އިންސައްތަ އޮތީ ނިމިފައެވެ. އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 19،184،857 ރުފިޔާއަށެވެ.
މިއަދު އާރްޑީސީއާއި ހަވާލުކޮށްފައިމިވަނީ އޭދަފުށީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ.