ދުނިޔެ
ދެ މިލިޔަން މީހުން ބަނޑަށް ޖެހިފައި ތިބިއިރު ވައްދަން ހުއްދަދިނީ އެހީގެ 30 ޓްރަކް

ބްލޮކޭޑްގެ ކުރިން ޣައްޒާއަށް ވެއްދި އެހީގެ ޓްރަކެއް
އިޒްރާއިލުން ބަންދުކޮށްފައި އޮތް ޣައްޒާގައި ބަނޑަށްޖެހި ހައިހޫނުކަން ތަހައްމަލު ކުރަމުންދާ ދެ މިލިޔަން މީހުން ތިބިއިރު ޣައްޒާއަށް ވެއްދުމަށް އިޒްރާއިލުން ހުއްދަދިނީ އެންމެ 30 އެހީގެ ޓްރަކަށްކަމަށް ޤުދުސް ނިއުސް ނެޓްވޯކުން ބުނެފިއެވެ.
ޤުދުސް ނިއުސް ނެޓްވޯކުން ބުނެފައިވަނީ އެމެރިކާ އާއި އެހެން ޤައުމުތަކުން ނަތަންޔާހޫއަށް ޕްރެޝަރ ކުުރުމުން އެހީނުވެއްދޭނެހެން ބަންދުކޮށްފައި އޮތް ޣައްޒާއަށް 30 އެހީގެ ޓްރަކް ވެއްދުމަށް އިޒްރާއިލުން ހުއްދަދީފައިވާ ކަމަށެވެ.
މި މަދު ޢަދަދުގެ ޓްރަކްތަކުން ޣައްޒާގެ މުޅި އާބާދީއަށް އެއް ދުވަހުވެސް ވެސް ކާންދެވޭވަރު ނުވާނެ ކަމަށް ޤުދުސް ނެޓްވޯކުގައި ބުނެފައިވެއެވެ. ޔޫއެންއާރުޑަބްލިއުއޭ އިން ބުނެފައިވަނީ ޣައްޒާގެ މީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ދުވާލަކު މަދުވެގެން 600 އެހީ ޓްރަކް ބޭނުންވާ ކަމަށެވެ.
މާޗް މަހުގެ ދެވަނަ ދުވަހު އިޒްރާއީލުން ޣައްޒާގެ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށް އެހީގެ އެއްވެސް ޓްރަކެއް ވެެއްދުމަށް ހުއްދަނުދިނުމުގެ ސަބަބުން ކާންނުލިބި ހައިހޫނުކަމުގެ ސަބަބުން 57 ކުޑަކުދިން ޝަހީދުވެފައިވާ ކަަމަށް ފަލަސްޠީނުގެ ހެލްތު މިނިސްޓްރީއަށް ހަވާލާދީ ޤުުދުސް ނެޓްވޯކްގައި ބުނެފައިވެެއެވެ.
އދ.އިން ބުނެފައިވަނީ މި ހާލަތު ދެމިއޮތްނަމަ ކުރިއަށް އޮތް 11 މަސް ދުވަހުގެ ތެރޭގައި ފަސް އަހަރުން ދަށުގެ ގާތްގަނޑަކަށް 71،000 ކުދިންނަށް ކާނާގެ ދަތިކަން ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.