ދުނިޔެ
އެޕާޓްމެންޓުގައި ބޮޑުވި ފެންގަނޑު ހިއްކުމަށް އުޅެނިކޮށް ކަރަންޓުގައިޖެހި އިންޑިއާގެ ދެ މީހަކު މަރުވެއްޖެ

ކަރަންޓުގައި ޖެހިގެން މަރުވެފައިވަނީ ބޮޑު މީހަކާއި ކުޑަ ކުއްޖެއް، ފޮޓޯ: އެންޑީޓީވީ
ބޯކޮށް ވާރޭ ވެހުމާ ގުޅިގެން އެޕާޓްމެންޓެއްގެ ބޭސްމެންޓުގައި ބޮޑުވި ފެންގަނޑު ހިއްކުމަށް އުޅެނިކޮށް ކަރަންޓުގައިޖެހި، ބޮޑު މީހަކާއި ކުޑަކުއްޖަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:15 ހާއިރު އިންޑިއާގެ ބެންގަލޫރުގައެވެ.
ފެން ހިންދުމަށްޓަކައި އުމުރުން 63 އަހަރުގެ މަންމޯހަން ކަމަތު މަސައްކުރަމުން ދިޔައީ މޯޓަރެއް ބޭނުންކޮށްގެންނެވެ. އަދި ފެންގަނޑަށް ކަރަންޓު އައީ މޯޓަރުގެ ތެރެއިން “ޝޯޓް ސާރކެޓް” ވެގެންކަމަށް، އިންޑިއާގެ ނޫސް އެޖެންސީއަކުން ރިޕޯޓުކޮށްފައި ވެއެވެ.
މި ހާދިސާ ހިނގިއިރު، އުމުރުން 12 އަހަރުގެ ދިނޭޝް ވެސް ހުރީ ފެންގަނޑުގެ ތެރޭގައެވެ. އެހެންކަމުން އޭނާ ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ.
ބެންގަލޫރަށް ރޭ ދަންވަރާ ހިސާބަށް، އޭގެ ކުރިން 24 ގަޑިއިރުގެ ތެރޭގައި 104 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެހެންކަމުން، އެ ހިސާބުގެ ތިރި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ދުއްވާ އެއްޗެއްސަށް ނުދުއްވި މަގުތައް ވަނީ ތޮއްޖެހިފައެވެ. މިއީ ބެންގަލޫރު ސިޓީއަށް އާ ކަމެއް ނޫނެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި އޮތް މި ސިޓީއަށް ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި މިފަދަ ތަކުލީފުތައް އުފުލަން ޖެހެއެވެ.
މި ވިއްސާރައާ ގުޅިގެން ހިނގި އެހެން ހާދިސާއެއްގައި 35 އަހަރުގެ އަންހެނެއްގެ ގައިމައްޗަށް ފާރެއް ވެއްޓި، އެ މީހާ ވެސް ވަނީ މަރުވެފައެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިޔަށް އޮތް ދެ ދުވަހު ވާރޭ ވެހޭ މިންވަރު މިހާރަށް ވުރެ އިތުރުވާނެއެވެ. އެހެންކަމުން، ފެންބޮޑުވެގެން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ކަމާ ގުޅޭ އިދާރާތަކުން މަސައްކަތް ފަށާފައިވާކަމަށް އިންޑިއާގެ ނޫސް އެޖެންސީތަކުން ރިޕޯޓު ކުރެއެވެ.