ކުޅިވަރު
ތަށި ޔަގީންވި ފަހުން ކުޅުނު ތިންވަނަ މެޗުން ވެސް ލިވަޕޫލަށް މޮޅެއް ނުވެވުނު

ބްރައިޓަންގެ ފަހު ގޯލު ޖެހުމަށްފަހު ހިންޝެލްވުޑް އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް
އިންގްލިޝް ޕްރިމިއަރ ލީގުގެ ތަށި ޔަގީންވި ފަހުން ކުޅުނު ތިންވަނަ މެޗުން ވެސް ލިވަޕޫލަށް މޮޅެއް ނުވެވުނެވެ. އެންމެ ފަހުން ރޭ ބްރައިޓަން އެންޑް ހޯވް އަލްބިއަންއާ ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 3-2 އިންނެވެ.
ލިވަޕޫލުން ލީގު ތަށި ޔަގީންކުރީ މިދިޔަ މަހު 27 ގައި ޓޮޓެންހަމް 5-1 އިން ބަލިކުރުމަށްފަހުއެވެ. އޭރު ލީގުގައި ބާކީ ހަތަރު މެޗު އޮތެވެ. އަދި ޖެހިގެން އައި ހަފްތާގައި ޗެލްސީ އަތުން 3-1 އިން ބަލިވެފައިވާއިރު، އާސެނަލްއާ ބައްދަލުކުރި ވަނީ 2-2 އިން އެއްވަރުވެފައެވެ.
ލީގުގެ ފަހު މެޗުގައި ލިވަޕޫލް ބައްދަލުކުރަން ޖެހޭނީ ކްރިސްޓަލް ޕެލަސްއާއެވެ. އެއީ ވެސް އެ ކުލަބަށް ފަސޭހަ މެޗަކަށް ނުވާނެއެވެ. ފޯމުގައި އޮތް ޕެލެސްއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.
ދަ އެމެރިކަން އެކްސްޕްރެސް ކޮމިއުނިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ލިވަޕޫލުންނެވެ. ކޮނޯރ ބްރެޑްލީ ބްރައިޓެންގެ ގޯލު އޭރިއާ ތެރެއަށް ވަނުމަށްފަހު ހާވީ އެލިއޮޓްއަށް ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމަށް އޭނާ މާގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހުނެވެ.
އޭގެ ފަހުން ޔެސިން އަޔޭރީގެ ގޯލަކުން ބްރައިޓަން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެކުރިން، ރީތި ގޯލަކުން ޑޮމިނިކް ސޮބޯޒްލައި ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ.
ލިވަޕޫލްގެ ލީޑު ފުޅާ ކުރުމަށް ފުރަތަމަ ހާފުގެ ކުރީކޮޅު މުޙައްމަދު ސަލާޙްއަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އޭގެން އެއް ފުރުސަތުގައި، ހުސް ގޯލު އޮއްވައި އޭނާ ޖައްސާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ނަތީޖާއަކަށްވީ ބަދަލުކުޅުންތެރިންގެ ގޮތުގައި ބްރައިޓަންއަށް ކުޅެން ނިކުތް ކައުރޯ މިޓޯމާ އާއި ޖެން ހިންޝެލްވުޑްގެ ގޯލުތަކުން އެ ޓީމަށް ޗެމްޕިއަނުން ބަލިކުރެވުމެވެ. މީގެތެރެއިން ހިންޝެލްވުޑް ބްރައިޓަންއަށް ލީޑު ނަގައިދިނީ މެޗު ނިމެން 5 މިނެޓަށްވެފައި ވަނިކޮށެވެ.
މި ނަތީޖާއާ ގުޅިގެން ބްރައިޓަންއަށް ވަނީ ޔޫއެފާ ކޮންފަރެންސް ލީގުން ޖާގައެއް ލިބުމުގެ އުއްމީދު ބޮޑުވެފައެވެ.