ޚަބަރު
ޙައްޖުވެރިންނަށް ބަހުގައި އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައިފި

ހައްޖަށްދާ މީހުންނަށް ފަސޭހަކޮށްދިނުމަށް އެމްޓީސީސީގެ ބަސް ހަމަޖައްސާފައި ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް
މިއަހަރުވެސް ދިވެހިރާއްޖެއިން ޙައްޖަށް ދާ ފަރާތްތަކަށް ބަހުގައި އެއަރޕޯޓަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސައިފިއެވެ. މިކަން ހާމަކުރެއްވީ ޙައްޖު ޓާސްކްފޯސްގްގެ މެންބަރު އަޙްމަދު ރައްސާމެވެ.
ޓީވީއެމްއިން ގެނެސްދޭ "ހެނދުނު ހެނދުނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައްސާމު ވިދާޅުވީ، މާލެއާއި ހުޅުމާލޭގައި ޙައްޖުވެރިންނަށް ބަހުގައި އެއަރޕޯޓަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. މާލޭގައި 3 ރޫޓަކާއި، ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައިވެސް ބަސް ރޫޓުތައް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބަސް ރޫޓް ކަނޑައަޅާފައި މިހުރީ މައިގަނޑު ގޮތެއްގައި ބަސްތައް މަޑުކުރަނީ ޙައްޖާޖީންނަށް ފަސޭހަވާނެ ހިސާބުތަކުގައި. ވީހާވެސް ލުއިފަސޭހަކޮށް މާލެއާއިި ހުޅުމާލެއިންވެސް އެއަޕޯޓަށް ދެވޭނެ އިންތިޒާމް މި ހަމަޖައްސަނީ." ޙައްޖު ޓާސްކްފޯސްގެ މެންބަރު އަޙްމަދު ރައްސާމު ވިދާޅުވިއެވެ.
މިއަހަރު ރާއްޖެއިން 1,000 މީހުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާނެއެވެ. ޙައްޖުވެރިން ފުރަން ފަށާނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ. ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓެއްގައެވެ. އޭގެ ތެރޭގައި ސަޢުދީ އެއަރލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓް ހިމެނެއެވެ.
ރައްސާމު އިތުރަށް ވިދާޅުވީ، ޙައްޖުވެރިންނާއެކު އާއިލާގެ އެއް މެންބަރަކަށް ބަހުގައި ދަތުރުކުރެވޭނެ ކަމަށާއި، އޭގެ ފަހުން އަންނަ ބަސްތަކުގައި އާއިލާގެ އިތުރު މެންބަރުންނަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި ބަހުގައި ދަތުރުކުރަން އުނދަގޫ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ޙައްޖު ދަތުރުތަކުގައި ޙައްޖު ކިއުގައި މިއަހަރަށް ދެވޭނެ ކަމަށް ކަނޑައަޅާފައިވާ އެންމެންނާއި، ޙައްޖުވެރިންގެ އެހީތެރިންނާއި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށްދާ މީހުންވެސް ހިމެނެއެވެ.