Ads by Aqeeqa Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެން.އޯ.އޭ.އޭގެ އިނޮއި ރީޖަނަލް ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެން.އޯ.އޭ.އޭގެ އިނޮއި ރީޖަނަލް ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 މޭ 2025، 03:37

20 މޭ 2025، 03:37

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، ހަވާއީގެ ހޮނުލުލޫގައި ހުންނަ ނެޝަނަލް އޯޝެއަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެން.އޯ.އޭ.އޭ)ގެ އިނޮއި ރީޖަނަލް ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބެއް މި ސެންޓަރަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

އެން.އޯ.އޭ.އޭގެ އިނޮއި ރީޖަނަލް ސެންޓަރަކީ ހަވާއީ ސްޓޭޓްގެ މޮކޮ-އުމޭ-އުމޭ ނުވަތަ ފޯޑް އައިލަންޑްގައި ޤާއިމްކޮށްފައިވާ، މޫސުމީ އެކި ދިރާސާތަކަށް ޚާއްޞަކުރެވިފައިވާ މަރުކަޒެކެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް، އިންޓަނޭޝަނަލް ސުނާމީ އިންފޮމޭޝަން ސެންޓަރު (އައި.ޓީ.އައި.ސީ) އާއި ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރު (ޕީ.ޓީ.ޑަބްލިއު.ސީ) އިން ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދެވުނެވެ. އަދި މި އިދާރާތަކުގެ މެންޑޭޓާއި ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލެވުނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢުރީފްކުރައްވާ، ރާއްޖެއަށާއި ދިވެހިންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު، މި ދެ އިދާރާއިން ރާއްޖެއަށް ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ކެމްޕޭންތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓް މަޝްރޫޢުތައް ހިމެނެއެވެ.

އައި.ޓީ.އައި.ސީ އިން ވަނީ ސުނާމީ އިން ލިބޭ ގެއްލުން ކުޑަކުރުމަށް، ސައިންޓިފިކް ރިސަރޗް އާއި ދިރާސީ ޖަމާޢަތްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި އާންމުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ޕީ.ޓީ.ޑަބްލިއު.ސީގެ މައި އިދާރާ، ނެޝަނަލް ވެދަރ ސަރވިސް (އެން.ޑަބްލިއު.އެސް) އަކީ ޔުނެސްކޯގެ އިންޓަގަވަމެންޓަލް އޯޝަނޮގްރަފިކް ކޮމިޝަންގެ މައި ބައިނަލްއަޤްވާމީ ފޯކާސްޓަރެވެ.


މި ލިޔުން ކިޔާލުމުން

Ads by MSS