ދުނިޔެ
ޣައްޒާގައި 14،000 ކުޑަކުދިން 48 ގަޑިއިރު ތެރޭގައި މަރުވެދާނެކަމުގެ އިންޒާރު އދ އިން ދީފި

ޣައްޒާއަށް އިތުރު އެހީ ނުލިބިއްޖެނަމަ، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި 14،000 އާ ގާތްކުރާ ކުޑަކުދިން މަރުވެދާނެ
ޣައްޒާއަށް އިތުރު އެހީ ނުލިބިއްޖެނަމަ، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި 14،000 އާ ގާތްކުރާ ކުޑަކުދިން މަރުވެދާނެކަމަށް އދ އިން އިންޒާރު ދީފިއެވެ. މިހާރު ހަނގުރާމައިގެ ތެރޭގައިވާ ޣައްޒާއަށް އިޒްރޭލުން ވަނީ 11 ހަފްތާ ވަންދެން އެއްވެސް އެހީއެއް ވަނުމަށް ހުއްދަ ނުދީ ބްލޮކޭޑެއް އަޅާފައެވެ. ނަމަވެސް އެމެރިކާ، ކެނެޑާ، ފްރާންސް އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ އެދުމުގެ މަތިން މިހާރު ވަނީ ވަރަށް މަދުން ނަމަވެސް އެހީ އެތެރެކުރުމަށް ހުއްދަ ދީފައެވެ.
އދ ގެ ހިއުމަނިޓޭރިއަން ޗީފް ޓޮމް ފްލެޗަރ ވިދާޅުވި ގޮތުގައި ހޯމަ ދުވަހު ގާޒާއަށް ވަދެފައިވަނީ އެންމެ 5 ޓްރަކެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ބޭނުންވާ ކާނާވެސް ހިމެނެއެވެއެވެ. ނަމަވެސް މިއީ ވަރަށް ކުޑަ އަދަދެއްކަމަށާއި، އެހީ ބޭނުންވާ ފަރާތްތަކަށް އަދި އެހީ ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި 14،000 ކުޑަކުދިން މަރުވެދާނެ. އަޅުގަނޑުމެންނަށް އެކުދިންނާ ހަމައަށް ނުދެވިއްޖެނަމަ... މިވަގުތު ގިނަ މައިންނަށް ކުދިންނަށް ގާތުންދިނުމަށް ނުކުޅެދިފައިވަނީ އެމީހުންގެ ހަށިގަނޑުގައި ކާނާގެ މިންވަރު ދަށްވެފައިވާތީ،" ބީބީސީ ރޭޑިއޯ 4 އަށް ވާހަކަ ދައްކަވަމުން ފްލެޗަރ ވިދާޅުވިއެވެ.
އިޒްރޭލްގެ ބައެއް އެކުވެރި ގައުމުތަކުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިޒްރޭލަށް ގޮވާލާފައިވާތީ، އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ އާދީއްތަ ދުވަހުގެ ރޭ ޣައްޒާއަށް އެޅި ބްލޮކޭޑް ކުޑަކޮށް ލުއިކޮށްދީފައެވެ. ނަމަވެސް އެހީ ފޯރުކޮށްދެވޭނީ އެންމެ ދަށް މިންވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އދ އިން އުންމީދު ކުރަނީ މިއަދު އިތުރު 100 ޓްރަކުގެ އެހީ ގާޒާއަށް ފޮނުވުމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ބޭނުންވާ ކާނާ ހިމެނޭނެއެވެ. "ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ވީހާވެސް ގިނަ ކުދިން ސަލާމަތްކުރުމަށް އަޅުގަނޑު ބޭނުންވޭ،" ފްލެޗަރ ވިދާޅުވިއެވެ.