ދުނިޔެ

ފާޚާނާ ތައްޓެއް ގޮވައިގެން ޒުވާނަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ

ފާޚާނާ ތައްޓެއް ގޮވައިގެން ޒުވާނަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ

ގޮވާފައިވާ ފާހާނާ ތައްޓެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 މޭ 2025، 03:59

20 މޭ 2025، 03:59

އިންޑިއާގެ ނޭޝަނަލް ކެޕިޓަލް ރީޖަންގައި ހުރި ގެއެއްގެ ފާޚާނާގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގީ މީގެ ހަފްތާއެއް ކުރިން އާޝޫ ކިޔާ ޒުވާނަކު ފާޚާނާއަށް ވަދެ ހުއްޓައި ފާޚާނާ ތަށި ކުއްލިއަކަށް ގޮވުމުންނެވެ.

އާޝޫގެ ބައްޕަ ސުނިލް ޕްރަދާން ޓައިމްސް އޮފް އިންޑިއާއަށް ދެއްވި މައުލޫމާތުގައި ވިދާޅުވި ގޮތުގައި މި ހާދިސާގައި އާޝޫގެ މޫނާއި ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ. އޭނާ ވަގުތުން ގްރޭޓަރ ނޮއިޑާގައި ހުންނަ ގަވަރމަންޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޖީއައިއެމްއެސް) އަށް ގެންދެވުނެވެ. ޑޮކްޓަރުން ބުނި ގޮތުގައި އާޝޫގެ ހަށިގަނޑުގެ 35 އިންސައްތައަށް އަނދާފައިވެއެވެ.

މި ހާދިސާ ހިނގި ވަގުތު އާޝޫ މޯބައިލް ފޯނެއް ނުވަތަ އެހެން އިލެކްޓްރޯނިކް އާލާތެއް ބޭނުން ނުކުރާކަން ސުނިލް ފާހަގަކުރެއްވިއެވެ. އަދި ގޭގެ އެއަރ ކޮންޑިޝަނިންގ އާއި އެހެނިހެން ހުރިހާ އާލާތްތަކެއްވެސް ރަނގަޅަށް މަސައްކަތްކުރަމުންދިޔަކަން އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ސަބަބު އަދި ސާފުކޮށް އެނގިފައި ނުވިނަމަވެސް، އާއިލާއިން ޝައްކުކުރާ ގޮތުގައި ފާޚާނާގެ ހޮޅިތައް ބެދިފައި ހުރުމުގެ ސަބަބުން މީތޭން ގޭސް ޖަމާވެ،  އަލިފާން ރޯވުމުން މި ހާދިސާ ހިނގީކަމަށް ވެދާނެއެވެ. ނަމަވެސް އަލިފާން ރޯވި ގޮތެއް އަދި ސާފެއް ނޫނެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތެއް ކަމަށްވާ ހަރިންދަރ ބަތީ ވިދާޅުވީ މިއީ ގޭގެ ޕްލަމްބިންގ ސިސްޓަމްތައް އަބަދުވެސް ބަލަހައްޓަން ޖެހޭކަން ހަނދާންކޮށްދޭ ކަމެއް ކަމަށެވެ. އަދި މިފަދަ ހާދިސާތައް ކޮންމެ ގެއެއްގައިވެސް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާއިން ދައްކުވައިދެނީ ގޭގޭގެ ފާޚާނާތަކާއި ޕްލަމްބިންގ ސިސްޓަމްތައް ރަނގަޅަށް ބެލެހެއްޓުމުގެ މުހިންމުކަމެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ގޭގޭގެ ފާޚާނާތަކާއި ހޮޅިތައް މެއިންޓެއިން ކުރުމަށް ސަމާލުކަން ދޭންޖެހޭކަން ފާހަގަކުރެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS