ޚަބަރު
ތިލަފުށީ އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލްގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް, 45 ދުވަސްތެރޭގައި ނިންމާލެވޭނެ : އެމްޕީއެލް

ތިލަފުށީ އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލްގެ މަސައްކަތް ފޮޓޯ:އެމްޕީއެލް
ތިލަފުށީގައި ތަރައްޤީކުރަމުންދާ އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ މިހާރުގެ މަރުހަލާގައި ކުރިއަށްދަނީ ބިން އެއްވަރުކުރުމާއި ކީ ވޯލް އެޅުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްޕީއެލްއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މަސައްކަތްތައް 45 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އަންދާޒާކުރެވެއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލްގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، އޮޕަރޭޝަންސް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
އެމްޕީއެލްއިން އިތުރަށް ހާމަކުރި ގޮތުގައި، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތް ނިމުމުން، އެތަނުގައި ވޯކްޝޮޕާއި އޮފީސް އިމާރާތެއްގެ އިތުރުން ލައިޓް ޕޯސްޓްތައް ޖެހުމުގެ މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މި ގޮތުން، ތިލަފުށީ ޕޯޓުގެ އީ.އައި.އޭ، ޖިއޯޓެކްނިކަލް، ހައިޑްރޯ-ސާރވޭ އަދި ބަތިމެޓްރީ ސާރވޭ ކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް އިޢުލާންކޮށްފައިވެއެވެ.
ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލް (އައިއެލްޓީ) ގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށް އެބަދޭ.
— Maldives Ports Limited (@Portmv) May 20, 2025
އައިއެލްޓީ ތަރައްޤީކުރުމުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ބިން އެއްވަރުކުރުމާއި ކީ ވޯލް އެޅުމުގެ މަސައްކަތްތައް.
މިއީ މާލެ ވިޔަފާރި ބަނދަރާއި… pic.twitter.com/x3IagTg1pV
އެމްޕީއެލްގެ އަމާޒަކީ ޕޯޓުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރުމެވެ. އަދި އާ ޕޯޓު ފުލް އޮޕަރޭޝަނަށް ބަދަލުކުރުމުން، ހުޅުމާލޭގައި ބޭނުންކުރާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަކަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން، މާލޭ ވިޔަފާރި ބަނދަރުގެ އިތުރުން ނޯތު ހާބަރާއި ޓީޖެޓީ ވެސް ތިލަފުށްޓަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.