ފަރުދުން
ސިނާގެ އޯގަނިކް ދަނޑުވެރިކަމާއި ފަތުރުވެރިކަން ގުޅުވާލުމުގެ އިންޤިލާބީ މަސައްކަތް ތަޖުރިބާކުރުމުގެ ފުރުސަތު މާކް ވީންސްއަށް

ސިނާ އަދި މާކްވީންސް އާއި މާކްވީންސްގެ އަނބިކަނބަލުން ފޮޓޯ:ސިނާ
އައްޑޫ ސިޓީގައި ދަނޑުވެރިކަން ކުރައްވަމުން ގެންދަވާ ހަސަން ޝިނާން (ސިނާ) ވަނީ އޯގަނިކް ދަނޑުވެރިކަމާއި ފަތުރުވެރިކަން ގުޅުވާލައިގެން އައު ކޮންސެޕްޓެއް ތަޢާރަފުކުރުމަށް މަސައްކަތް ފައްޓަވައިފިއެވެ. މި މަސައްކަތުގެ ތެރެއިން، ދުނިޔޭގެ މަޝްހޫރު ވްލޮގަރެއް ކަމުގައިވާ މައިގްރޭޝަނޮލޮޖީގެ މާކް ވީންސް ވަނީ ސިނާގެ ފާމަށް ޒިޔާރަތްކޮށް، ދަނޑުގައި އުފައްދާ ބާވަތްތަކުން އައްޑޫގެ ކެއުންތަކުގެ ރަހަ ބަލާފައެވެ.

( ހަސަން ޝިނާން ،(އައްޑީ ސިނާ
"ފަރުދުން" މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިނާ ވިދާޅުވި ގޮތުގައި މި ކޮންސެޕްޓްގެ ދަށުން ފަތުރުވެރިންނަށް ފާމުގައި ހުރެވޭނެ ގޮތާއި، ފާމުން އުފައްދާ ތާޒާ ކާނާ ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ވަނީ ރޭވިފައެވެ. އަދި ފާމްގައި ތިބެގެން ތަޒާކަމާއި އެކު ފާމްއިން ތަކެތި ހާވެސްޓްކޮށްގެން ބޭނުންވާ ކާނާ ތައްޔާރުކުރުމުގެ ފުރުޟަތުލިބިގެންދާނެކަމަށެވެ.
އަޅުގަނޑުމެން ބޭނުންވަނީ އައްޑޫގެ ހުރިހާ ގެސްޓްހައުސްތަކަށް އަދި ކައިރި ރިސޯޓް ތަކަށް އަންނަ ފަތުރުވެރިންނަށް ވެސް މި ފުރުސަތު ފޯރުކޮށްދޭން. މިއީ 100 ޕަސެންޓް އޯގަނިކް މަޝްރޫޢެއް
ސިނާ
ސިނާ މިހާރު ވަނީ ފާމް ހައުސްއެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައި، ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަ ދެ ކޮޓަރި ނިންމާފައެވެ.
ފަށައިގަތްތާ މާގިނަ ދުވަހެއް ނުވޭ. މި ކޮންސެޕްޓަކީ ހުއްދަ ލިބޭ ކޮންސެޕްޓަކަށް ވާނަމަ، މިކަން ކުރިއަށް ގެންދާނަން
ސިނާ
ސިނާ ފާހަގަކުރެއްވި ގޮތުގައި މިވަގުތު އެ ފާމުގައި އުފައްދަމުންދަނީ ބިލެތް، ލެޓިއުސް، މިރުސް، ކިއުކަންބަރ އަދި ސްވީޓް ކޯންގެ 4 ވައްތަރެކެވެ. މީގެ ތެރޭގައި 5 ކުލައެއްގެ މިކްސް ވައިޓް އަދި ޕަރޕަލް ސްވީޓް ކޯން ހިމެނެއެވެ.

ސިނާ ހައްދާފައިވާ ލެޓިއުސް
މުސްތަޤުބަލުގައި މި ބުނާ ކޮންސެޕްޓަށް ތަން ތަރައްޤީކުރާއިރު އާ ވައްތަރުތައް އުފައްދާނަން. ކޮންމެ ދުވަހަކު ވެސް އާ ބާވަތްތައް ލިބޭ ކަހަލަ ގޮތަކަށް މަސައްކަތް ކުރާނަން
ސިނާ
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރާއްޖެއިންނާއި އައްޑޫއިން ނުލިބޭ ބާވަތްތައް ގެނެސްގެން މުޑުވައްކުރުމަށް ސިނާ ވަނީ ނިންމާފައެވެ."މިވަގުތު އަދި ފައިނަލްއެއް ނުކުރަން. 5 ވައްތަރެއް ބަލަމުން މިދަނީ، މި ފަސްގަނޑާ ގުޅޭތޯ، މޫސުމާ ގުޅޭތޯ،" އޭނާ ވިދާޅުވިއެވެ.

މާކް ވީންސް އައްޑޫގެ ރަހަތައް ބައްލަވާލައްވަނީ
މި މަސައްކަތުގައި ހުރި އެންމެ ބޮޑު ދަތިކަމަކީ ފައިސާގެ ދަތިކަން ކަމަށް ސިނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސަރުކާރުން ގްރާންޓް ނުވަތަ ލޯނުގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ގުޅުވައިގެން ސަބަބު މަދު ތަނަކަށް އިތުރު ސަބަބަކަށް މިކަން ހަދާ ޤަވާއިދު ތަންދޭނަމަ ބޭނުންވަނީ މި ކޮންސެޕްޓް އަމިއްލަ ގޮތުން ވެސް ކުރިއަށް ގެންދަން
ސިނާ
ސިނާ ވިދާޅުވި ގޮތުގައި ދަނޑުވެރިކަމަށް އޮންނަ ޝައުޤުވެރިކަމަކުން މިކަން ކުރައްވަނީއެވެ. އޭނާ ދަނޑުވެރިކަން ކުރައްވާތާ މިހާރު ވަނީ ދެ އަހަރު ވެފައެވެ.
އައްޑޫގެ ތަފާތު ކާއެއްޗެހި މާކް ވީންސް ވަނީ ރަހަ ބަލާފަ. ގަހުގެ ކާނާ އުފައްދަނީ މަހުގެ ބައިތަކާއި ކުނޑި ބޭނުންކޮށްގެން ކާދު ހަދައިގެން. ދަނޑުވެރިކަން މިހިސާބަށް އައީ އެގޮތަށް. މުސްތަޤުބަލުގައި ވެސް މިއަދާ ހަމައަށް ވެސް 100 ޕަސެންޓް އޯގަނިކް ދަނޑުވެރިކަން ކުރާނީ
ސިނާ
ސިނާގެ ވިސްނުންހުރީ މި ކޮންސެޕްޓްގެ ތެރެއިން ހުރިހާ ދަނޑުވެރިންނަށް ކެމިކަލް އެދެވޭ ގޮތަށް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދިނުމާއި، ގަސްކާނާ އުފެއްދުން ފަދަ ދަނޑުވެރިކަމާ ގުޅޭ ޕްރޮގްރާމްތައް ހިންގުމަށެވެ.

ސިނާގެ ދަނޑުން މާކްވީންސް މިރުސް ބިންނަނީ
ސިނާގެ ފާމަށް ދުނިޔޭގެ މަޝްހޫރު ވްލޮގަރ މާކް ވީންސް ޒިޔާރަތްކުރެއްވުމާ ގުޅޭ ގޮތުން ސިނާ ވިދާޅުވީ، މާކް ވީންސް ފަދަ ބޭފުޅަކު ބީޓް ހާވެސްޓަށް ޒިޔާރަތްކުރައްވާ ތަފާތު ކާއެއްޗެހީގެ ރަހަ ބަލާލުން އެއީ ދަނޑުވެރިކަމުގެ މި ކޮންސެޕްޓަށް ވަރަށް ރަނގަޅު ފެށުމެއް ކަމުގައި ދެކޭކަމަށެވެ.
ފަތުރުވެރިކަމާ ގުޅޭ ގޮތަށް އައްޑޫއަށް އެގްރިކަލްޗަރ ފަތުރުވެރިކަން ތަޢާރަފުކުރުމަށް ފަށަށައިގެން ބުރަ މަސައްކަތެއް ކުރަމުން ދާއިރު ސިނާގެ ވިސްނުން ހުރީ ކެމިކަލް ފްރީ %100 އޯގަނިކް ދަނޑުވެރިކަމަށެވެ. މި މަސައްކަތުގައި ސިނާގެ ގާތް އެކުވެރިންގެ އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ސިނާ ޝުކުރު އަދާކުރެއްވިއެވެ.
މި އައު ކޮންސެޕްޓަކީ އައްޑޫގެ ފަތުރުވެރިކަމަށާއި ދަނޑުވެރިކަމަށް އައު ހަޔާތެއް ގެނެސްދޭނެ މަޝްރޫޢެކެވެ. ސިނާގެ މި މަސައްކަތަކީ ރާއްޖޭގެ ދަނޑުވެރިކަމާއި ފަތުރުވެރިކަން ގުޅުވާލުމުގެ އައު ނަމޫނާއެކެވެ.