Ads by Aqeeqa Maldives

ޚަބަރު

އެމްއެމްއޭއަށް ވިއްކަންޖެހޭ ޑޮލަރުގެ އަދަދު ބޮޑުކުރީ ވިޔަފާރިތަކަށް ފަސޭހަވާނެ ގޮތަށް

އެމްއެމްއޭއަށް ވިއްކަންޖެހޭ ޑޮލަރުގެ އަދަދު ބޮޑުކުރީ ވިޔަފާރިތަކަށް ފަސޭހަވާނެ ގޮތަށް

ބޭރު ފައިސާ މާރުކުރުން ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 މޭ 2025، 06:21

20 މޭ 2025، 06:21

 މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކުރި ގޮތުގައި، ޓޫރިޒަމް ދާއިރާއިން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ ތެރެއިން ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އަދަދު ބޮޑުކުރަން ނިންމާފައިވަނީ ވިޔަފާރިތަކަށް "ހަރުދަނާކޮށް ޑޮލަރު ލިބޭނެ ގޮތް ހަދަން" ކަމަށެވެ.

މިހާރު އޮންނަ ގޮތުން، ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި އަދަދެއް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. އަދި ބޭންކުތަކަށް ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. ނަމަވެސް އަންނަ މަހުން ފެށިގެން މި އަދަދު 90 ޕަސެންޓަށް އިތުރުކުރަން ވަނީ ނިންމާފައެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބަދަލު ގެނެސްފައިވަނީ ކޮންމެ ހަފުތާއަކު ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ ބޭރު ފައިސާ ހަރުދަނާ ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު ވަނީ ވިޔަފާރީގެ ބާވަތާއި ފަންތިއަށް ބަލައި ތަފާތުކޮށްފައެވެ. މިގޮތުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހެއެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ މަހެއްގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ދާދި ފަހުން ވިދާޅުވި ގޮތުގައި، މިދިޔަ މާރިޗު މަހުގެ ނިޔަލަށް ޓޫރިޒަމް ޚިދުމަތްދޭ ތަންތަނުން ބޭންކުތަކަށް މާރުކުރި އަދަދު 150 މިލިއަން ޑޮލަރަށް އަރާފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS