ދީން
ކަންބޮޑުވުންތައް ބޮލަށްލައިގެން އަމިއްލަ ނަފްސުގެ އުފާވެރިކަން އަމިއްލައަތުން ހަލާކުނުކުރޭ!

ކަންބޮޑުވުންތައް ބޮލަށްލައިގެން އަމިއްލަ ނަފްސުގެ އުފާވެރިކަން އަމިއްލައަތުން ހަލާކުނުކުރޭ!
ރޭގަނޑުގެ އެންމެ ހަމަހިމޭން ވަގުތުތަކުގައި، ދުނިޔެ ނިދާފައި އޮންނައިރު، ގިނަ ހިތްތަކެއް ހޭލާ ތިބެއެވެ. ލޯ ހުޅުވިފައި، ސީލިންގއަށް ބަލަހައްޓައިގެން އޮވެއެވެ. ސިކުނޑީގައި އެކި ވިސްނުމާއި ފިކުރު އުފެދެމުންދެއެވެ. ޚިޔާލުތައް ދައުރުވަމުންދެއެވެ. ބައެއް މީހުން ފައިސާގެ ކަންކަމާމެދު ކަންބޮޑުވެއެވެ. އަނެއްބައި މީހުން ޞިއްޙަތާމެދު ކަންބޮޑުވެއެވެ. އަދި ގިނަ މީހުން - ޚާއްޞަކޮށް މައިންބަފައިން - އެމީހުންގެ ދަރިންގެ މުސްތަޤުބަލާމެދު ކަންބޮޑުވުންތަކެއް އުފުލައެވެ. "އަހަރެންގެ ދަރިފުޅު ރައްކާތެރިވާނެ ބާވައެވެ؟ އެކުއްޖާ ދީނުގައި ސާބިތުވެ ހުރެ ބޮޑުވާނެ ބާވައެވެ؟ އެކުއްޖާއަށް ކާމިޔާބު ލިބޭނެ ބާވައެވެ؟ އެކުއްޖާ ބޮޑުވަމުން އަންނަނީ ކޮންކަހަލަ ދުނިޔެއެއްގައި ބާވައެވެ؟" މިފަދަ ޚިޔާލުތަކަކީ ޙަޤީޤީ، އަދި އިންސާނުންގެ ކިބައިގައި ވަރަށް ފުންކޮށް ހުންނަ ޚިޔާލުތަކެކެވެ.
ނަމަވެސް އަހަރެމެން ނިދިނުލިބި، ބިރުވެރިކަމާއި ވަރުބަލިކަމާ ދެމެދުގައި ހިޔާލުތަކާއި ފިކުރުތަކަށް ގެނބިފައި އޮންނައިރު، އިސްލާމްދީން އަހަރެމެންނަށް ހަނދާންކޮށްދެނީ: އަހަރެމެންގެ ކަންބޮޑުވުންތަކުގައި އުޅެން ޖެހޭނީ އަހަރެމެން އެކަނި ނޫންކަމެވެ. އަހަރެމެންގެ ވިސްނުންތަކާއި ވޭނާމެދު އަހަރެމެންގެ ވެރިރަސްކަލާނގެ އަހަރެމެންނަށް ވުރެންމާބޮޑަށް އަޙްލުވެރިވެވޮޑިގެންވެއެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ:
الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟
(ސޫރަތުއް އައްރަޢްދު 13:28)
މި އާޔަތަކީ އިލާހީ ވަޢުދުފުޅެކެވެ. މިއާޔަތުން ވަޢުދުވެވޮޑިގަންނަވަނީ ދުނިޔެވީ މައްސަލަތައް އެއްރެއިން ނެތިގެންދާނެ ކަމަކަށް ނޫނެވެ. އެހެނެއްކަމަކު، މާތް ﷲ ހަނދުމަކުރުމުގައި ދެމިހުންނަ ހިއްތަކަށް ހަމަޖެހުން ލިބޭނެކަން ޔަޤީންކޮށްދެއެވެ. ތިބާގެ ހިތް ތިބާގެ ދަރިންނާމެދު ނުވަތަ ތިބާގެ މުސްތަޤުބަލާމެދު ބިރުވެރިކަމުން ފުރިފައިވާ ހިނދު، ހަނދާންކުރާށެވެ: ﷲ ތިބާގެ ދަރިންދެކެ ތިބާއަށްވުރެ ބޮޑަށް ލޯބިވެވޮޑިގަންނަވައެވެ. އެކަލާނގެއީ އަރްރަޙްމާން - އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ - އަދި އެކަލާނގެ ރަޙްމަތްފުޅުގައި ތިބާގެ ލޮލަށް ނުފެންނަ އަދި ތިބާއަށް ކޮންޓްރޯލް ނުކުރެވޭ ކަންތައްތައްވެސް ޝާމިލުވެގެންވެއެވެ.
ނަބިއްޔާ މުޙައްމަދު ﷺ އަށްވެސް އެކަލޭގެފާނުގެ އުއްމަތާމެދު ފުން ކަންބޮޑުވުންތަކެއް ހުރި ރޭތައް ކުރިމަތިވިއެވެ. ނަމަވެސް އެކަލޭގެފާނު އަހަރެމެންނަށް އުނގަންނައިދެއްވީ އަހަރެމެންގެ ހާސްކަން "ދުޢާ" އަށް، އަހަރެމެންގެ ބިރުވެރިކަން "ސުޖޫދު" އަށް، އަދި އަހަރެމެންގެ ވޭން "ތަވައްކުލު (ﷲ އަށް ވަކީލްކުުރުމަށް)" އަށް ބަދަލުކުރުމަށެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ:
﴿5﴾ فَإِنَّ مَعَ الْعُسْرِ يُسْرًا
ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
﴿6﴾ إِنَّ مَعَ الْعُسْرِ يُسْرًا
ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
(ސޫރަތުއް އަލްއިންޝިރާޙް އާޔަތް 5 އަދި 6 )
މި އާޔަތް ތަކުރާރުވެފައިވަނީ އޮޅުމަކުން ނޫނެވެ. އެއީ އިލާހީ ޔަޤީންކަމެކެވެ. އެއްފަހަރު ނޫނެވެ، ދެފަހަރު މަތިން، ﷲ ތިބާއަށް އަންގަވަނީ "ތިބާގެ ދަތިކަމާއެކު ފަސޭހަކަން ލިޔެވިގެންވާ" ކަމެވެ. މިހާރު އެކަން ފެންނަން ނެތްކަމުގައި ވިޔަސް، އެކަން ވުޖޫދުގައި ވެއެވެ. އެ ބަލިމަޑުކަމުގައި، ޝިފާ ވެއެވެ. އެ ނަފްސާނީ ބުރައިގައި، ޙައްލެއް ވެއެވެ. ތިބާގެ ދަރިފުޅާމެދު އެ ބިރުވެރިކަމުގައި، އިލާހީ ރައްކާތެރިކަން މިހާރުވެސް މަސައްކަތް ކުރަމުންދެއެވެ.
ނިދި ނުލިބުން ތިބާގެ އެކުވެރިއަކަށް ވެފައިވާނަމަ، ދަންނާށެވެ! ތިބާގެ ހޭލާ ހުރުން ބޭކާރެއް ނުވެއެވެ. ކޮންމެ އާހެއް، ކޮންމެ ހިމޭން ކަރުނައެއް، ކޮންމެ ސިއްރު ދުޢާއެއް މާތް ﷲ އެ ހުރިހާ ކަމެއް އައްސަވައެވެ. އެ ލަސް ގަޑިތައް ދުވަހަކުވެސް ނިދިނުވާ އެއްކައުވަންތަ ރަސްކަލާނގެއާ ގުޅުން ބަދަހިކުރުމުގެ ވަގުތުތަކަކަށް ހަދާށެވެ. މުޅި ދުނިޔެ ތިބާ އުފުލާ ބުރަ ނޭނގި ތިބިކަމުގައި ވިޔަސް، ތިބާ ހެއްދެވި ރަސްކަލާނގެއަށް ތިބާ އުފުލާ ބުރައިގެ ބަރުދަން އެނގިވޮޑިގެންވެއެވެ - އަދި އެކަލާނގެ ތިބާގެ ކަރުގެ ލޭނާރަށްވުރެ ތިބާއާ ގާތެވެ.
އާއެކެވެ، މި ދުނިޔެ ފުރިފައިވަނީ ޔަޤީންކަން ނެތް ކަންތައްތަކުންނެވެ. ނަމަވެސް އިސްލާމްދީން އަހަރެމެންނަށް އުނގަންނައިދެނީ އަހަރެމެންނަށް ކޮންޓްރޯލް ނުކުރެވޭ ކަންތައްތައް ކޮންޓްރޯލް ކުރަން މަސައްކަތްކޮށް އަހަރެމެން އަމިއްލައަށް ހަލާކުނުވުމަށެވެ. އަހަރެމެންގެ ޒިންމާއަކީ އަހަރެމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކަންތައްތައް ކުރުމެވެ. އެއަށްފަހު ނަތީޖާ ﷲ އަށް ޙަވާލުކުރުމެވެ. އަބަދުމެ ކަންބޮޑުވުމަކީ ބަލިކަށިކަމުގެ ނިޝާނެއް ނޫނެވެ - އެއީ އަހަރެމެން ﷲ ގެ މަސައްކަތް އަހަރެމެންގެ އަތްމައްޗަށް ނަގަން މަސައްކަތްކުރާކަމުގެ ނިޝާނެކެވެ. އެކަލާނގެއީ އެންމެ ރަނގަޅު ރޭވުންތެރިޔާއެވެ.އަދި އަހަރެމެންނަށް ނޭނގޭ ކަންތައްތައްވެސް އެކަލާނގެއަށް އެނގިވޮޑިގެންވެއެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ:
﴿3﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا
އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲއަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲއީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.
(ސޫރަތުއް އައްޠަލާޤް 65:3)
އެހެންކަމުން، އޭ ލޮބުވެތި ހިތާއެވެ، ނޭވާލާށެވެ. ކަންބޮޑުވުން ދޫކޮށްލާށެވެ. ނިދިލިބޭ ހިނދު ނިދާށެވެ. އަދި ނިދި ނުލިބޭ ހިނދު ދުޢާކުރާށެވެ، މަޑުމަޑުން ނަމަވެސްމެއެވެ. ތިބާއަށް ނުއުފުލޭ އެއްޗެހި މާތް ﷲ އަށް އުފުއްލަވަން ދޫކޮށްލާށެވެ. ތިބާގެ ރޫޙުގައި ތަނެއް ނެތް ޚިޔާލުތަކުން ތިބާގެ އަމިއްލަ އުފާވެރިކަން ހަލާކުކުރުން ހުއްޓާލާށެވެ. އެ ޚިޔާލުތަކުގެ ބަދަލުގައި ޒިކުރު، ދުޢާ، އަދި ﷲ އަށް ކަންކަން ޙަވާލުކުރުމަށް އިސްގަންދޭށެެވެ.
ތިބާއަށް ކުރިމަތިވާ ކަންބޮޑުވުމުގެ ސަބަބުން ބަލިކަށިވީތީ ތިބާއަކީ ބަލިކަށި މީހެއް ނޫނެވެ - އެހެނެއްކަމަކު މުސްތަޤުބަލު މިލްކުވެގެންވާ ފަރާތަށް ތިބާ އިތުބާރުކުރާ ހިނދު، ތިބާއަކީ ތިބާ ހީކުރާވަރަށްވުރެ މާ ވަރުގަދަ މީހެކެވެ.
ﷲ ތިބާއަށް އަރާމު ނިދި، ހިތުގެ ހަމަޖެހުން، އަދި ތިބާގެ ހުރިހާ ކަމެއްގައި ފަސޭހަކަން މިންވަރު ކުރައްވާށިއެވެ. އާމީން.