Ads by Aqeeqa Maldives

ޚަބަރު

ދައުލަތުގެ އާމްދަނީއަށް 5.5 އިންސައްތައިގެ ކުރިއެރުމެއް

ދައުލަތުގެ އާމްދަނީއަށް 5.5 އިންސައްތައިގެ ކުރިއެރުމެއް

މާލީ ވުޒާރާ

21 މޭ 2025، 11:35

ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއަހަރުގެ ދަޢުލަތުގެ އާމްދަނީ 5.5 އިންސައްތައިން އިތުރުވެއްޖެއެވެ. 

މާލީ ވުޒާރާއިން އާއްމުކުރި، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، މި މަހުގެ 15ގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތަށްވުރެ 5.5 އިންސައްތަ އިތުރު އަދަދެކެވެ.

އެވުޒާއިން ބުނެފައިވަނީ ޓެކުހާއި ޓެކްސް ނޫން އާމްދަނީ ހިމެނޭހެން، މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ އިތުރުވެ، ބަޖެޓްގެ ޕްރައިމަރީ ސަރޕްލަސް 3.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. 

ތަފާސްހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 11.2 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.8 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 36.3 އިންސައްތަ، 15 މެއިގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 26.3 އިންސައްތައެވެ.

ހަމައެއާއެކު ދައުލަތުން ނިމިދިޔަ އަހަރާ އަޅައިބަލާއިރު ކޮށްފައިވާ ޚަރަދު ވަނީ 20.3 އިންސައްތައިން ދަށްވެފައެވެ. އެގޮތުން، 15 މެއި 2025ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ޚަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާއެވެ. އެއާއެކު، ބަޖެޓްގެ އޯވަރޯލް ސަރޕްލަސް މިވަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ބަޖެޓްގެ ބެލެންސް ހުރީ 2.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS