ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެޗް.ޖީ.އައި.އޭ ގެ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެޗް.ޖީ.އައި.އޭ ގެ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، ހަވާއީ ގްރީން އިންފްރާސްޓްރަކްޗަރ އޮތޯރިޓީ (އެޗް.ޖީ.އައި.އޭ) ގެ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރައްވައިފި އެވެ.
ނައިބު ރައީސް، އެގްޒެކެޓިވް ޑިރެކްޓަރ މިސް ގްވެން ޔަމަމޯޓޯ-ލާއުއާ ބައްދަލުކުރައްވާފައިވަނީ، އެމަނިކުފާނު ހަވާއީގެ ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ މެހުމާނެއްގެ ގޮތުން މިވަގުތު ހަވާއީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާއި، މި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ގްރީން ފައިނޭންސިންގއިން އަދާކުރެވިދާނެ ދައުރުގެ މައްޗަށް އަލިއަޅުއްވާލާ ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ހަވާއީގެ އެންމެ ފުރަތަމަ ގްރީން ބޭންކުގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދެމުންދާ އެޗް.ޖީ.އައި.އޭއިން ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކާއި އިންކްލޫސިވް ފައިނޭންޝަލް ޓޫލްސް ބޭނުންކޮށްގެން ސައްތައިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް އީޖާދީ މޮޑެލްއެއް ޤާއިމުކޮށްފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުންކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކާއި، އިޔާދަކުރަނިވި ހަކަތަ ތަރައްޤީކުރުމުގައި ކުރިމަތިވާ ހުރަސްތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. ހަމަ އެހެންމެ، މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުގެނައުމަށް ހަވާއީއިން ކުރަމުން ގެންދާ ކާމިޔާބު ދަތުރަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިސް ޔަމަމޯޓޯ-ލާއު ވަނީ، ހަވާއީގެ މުހިންމު ސާފު ހަކަތައިގެ ލަނޑުދަނޑިތަކާ ބެހޭ ތަފްޞީލީ މަޢުލޫމާތާއި އެޗް.ޖީ.އައި.އޭގެ އީޖާދީ އަދި ހަމަހަމަ ފައިނޭންސިންގ ނިޒާމުތަކުގެ މަޢުލޫމާތު ނައިބު ރައީސާއި ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތަކާއި އަމިއްލަ ސެކްޓަރގެ އިންވެސްޓްމަންޓްތަކާ ދެމެދު ހުންނަ މާލީ ފަރަގުތައް ކުޑަކޮށްދިނުމަށް އެހީތެރިވެދޭ ޕްރޮގްރާމެއްގެ މަޢުލޫމާތުތައް ވެސް ވަނީ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިފަދަ އުސޫލުތަކަކީ ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ފުޅާކުރުމަށް ވަރަށް މުހިންމު ކަންތައްތަކެއް ކަމަށެވެ.