ޚަބަރު
ގދ. ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ނައްތާލި ބަނގުރާތައް/ފޮޓޯ: ފުލުހުން
ގދ. ތިނަދޫ ސިޓީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިތަކެތި ނައްތާލާފައިވަނީ މި ހިނގާ މެއި މަހުގެ 20 ވަނަ ދުވަހު (އިއްޔެ) ކަމަށެވެ. އަދި މި ބަނގުރާތައް ނައްތާލާފައިވަނީ ގދ. ތިނަދޫ ސިޓީ ޕޮލިސް ގޯތި ތެރޭގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ކާޑެއްދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ 89 ފުޅި ބަނގުރާކަމަށް ފުލުހުން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.