ޚަބަރު
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މޭޔަރ ޢާޒިމްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އެމެރިކާ ސަފީރު މޭޔަރ ޢާޒިމްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރެއްވުން/ފޮޓޯ: މާލެ ސިޓީ ކައުންސިލް
އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިއުގޯ ޔޮން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތުގެ ތެރެއިން ދެ ބޭފުޅުން ވަނީ، އެމެރިކާއިން މާލެ ސިޓީއަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ތަރައްޤީއާއި ތަޢުލީމު އަދި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ ދާއިރާތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މޭޔަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށް ފަހު މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި، މާލެ ސިޓީގެ ކަންކަން ހައްލުކުރުމަކަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ކަންކަން ކުރުމަށް ޕްލޭން ކުރެވިފައިވާކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާ މޭޔަރ ވިދާޅުވީ، ދެ ޤައުމުގެ ދުވަސްވީ ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ފާގަތިކަމާއި އެއްބައިވަންތަކަން ގެނެސްދޭނެ ކަމަށެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ސަފީރު ހިއުގޯ ޔޮން ވިދާޅުވީ، ކުރިއަށް އޮތް ދުވަސް ތަކުގައި މާލެ ސިޓީ ކައުންސިލާއެކު އޮތް ގުޅުން ކުރިއަށް ވުރެ ބޮޑަށް ބަދަހިކުރައްވާނެ ކަމަށެވެ. ހަމަ އެހެންމެ، މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކަށް ދެވެންއޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމްގެ އިތުރުން، ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.