ދުނިޔެ
ޖައްވުގައި އެމެރިކާގެ ދިފާއަށް 175 ބިލިއަން ޑޮލަރުގެ "ގޯލްޑަން ޑޯމް" ނިޒާމެއް ތައާރަފުކުރަނީ

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ގައުމުގެ މިސައިލް ދިފާއީ ނިޒާމެއްގެ ގޮތުގައި "ގޯލްޑަން ޑޯމް" ގެ ނަމުގައި އައު ނިޒާމެއް ތައާރަފުކުރައްވާފައެވެ. މި ނިޒާމަކީ 175 ބިލިއަން ޑޮލަރުގެ ޚަރަދެއް ހިނގާނެ ކަމަށް ލަފާކުރެވޭ ނިޒާމެކެވެ. އަދި މިއީ އެމެރިކާއިން ފުރަތަމަ ފަހަރަށް ބޭރު ޖައްވަށް ފޮނުވާ ހަތިޔާރު ކަމަށްވެސް ވެއެވެ.
އަންގާރަ ދުވަހު ވައިޓް ހައުސްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، މި ނިޒާމުގެ ފަރުމާ ވަނީ ރަސްމީކޮށް ނިންމާފައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނިޒާމު ފުރިހަމައަށް ތައްޔާރުވެ، މަސައްކަތް ކުރަން ފެށޭނީ އޭނާގެ ދައުރު ނިމުމުގެ ކުރިން، ގާތްގަނޑަކަށް ތިން އަހަރު ތެރޭގައެވެ.
"ގޯލްޑަން ޑޯމް" އަކީ ބިމާއި ޖައްވުގައި ޤާއިމުކުރެވޭ މިސައިލް ދިފާއީ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން އެކި މަރުހަލާތަކުގައި މިސައިލްތައް ދެނެގަނެ، ހުއްޓުވުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. އަދި މިސައިލްތައް ދޫކޮށްލުމުގެ ކުރިންވެސް ހަލާކުކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މި ނިޒާމަކީ ދުނިޔޭގެ އެހެން ކަންކޮޅުތަކުންނާއި، އަދި ބޭރު ޖައްވުން ވެސް ދޫކޮށްލާ މިސައިލްތައް ހުއްޓުވުމުގެ ޤާބިލުކަން ލިބިގެންވާ ނިޒާމެކެވެ.
ޕެންޓަގަންގެ އިސްވެރިޔާ ޕީޓް ހެގްސެތް ވިދާޅުވި ގޮތުގައި މި ނިޒާމަކީ ކްރޫޒް މިސައިލްތަކާއި، ބެލިސްޓިކް މިސައިލްތަކާއި، ހައިޕަރސޮނިކް މިސައިލްތަކާއި، އަދި ޑްރޯންތަކުން ރައްކާތެރިކަން ހޯދުމަށް ބޭނުންކުރެވޭނެ ނިޒާމެކެވެ. އަދި މި ނިޒާމަކީ އާންމު ހަތިޔާރުތަކާއި ނިއުކްލިއަރ ހަތިޔާރުތަކުން ވެސް ރައްކާތެރިކަން ހޯދައިދޭނެ ނިޒާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނިޒާމު ތަރައްޤީކުރުމަށް މިހާތަނަށް 25 ބިލިއަން ޑޮލަރު ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ކޮންގްރެޝަނަލް ބަޖެޓް އޮފީހުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މި ނިޒާމު ފުރިހަމައަށް ތަރައްޤީކުރުމަށް 500 ބިލިއަން ޑޮލަރަށްވުރެ ގިނަ ޚަރަދުވާނެއެވެ. މި ޚަރަދު ބެހިގެންދާނީ 20 އަހަރުގެ މުއްދަތަކަށެވެ.
މި ނިޒާމު ތަރައްޤީކުރުމުގެ މަސައްކަތް ހިންގަވާނީ ޔޫއެސް ސްޕޭސް ފޯސްގެ ޖެނެރަލް މައިކަލް ގުއެޓްލައިން އެވެ. އޭނާއަކީ މިސައިލް ދިފާއީ ނިޒާމުތަކާއި ޖައްވީ ނިޒާމުތަކުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 30 އަހަރު އެއަރ ފޯސްގައި ޚިދުމަތްކުރައްވާފައެވެ. އަދި 2021 ގައި ސްޕޭސް ފޯސްއާ ގުޅިވަޑައިގަތެވެ.
"ގޯލްޑަން ޑޯމް" ގެ ނަން މި ނިޒާމަށް ދީފައިވަނީ އިޒްރޭލުގެ "އަޔަން ޑޯމް" ގެ ނަމުން އިލްހާމު ލިބިގެންނެވެ. އަޔަން ޑޯމަކީ 2011 އިން ފެށިގެން އިޒްރޭލުގެ ދިފާއަށް ބޭނުންކުރަމުންދާ ނިޒާމެކެވެ. ނަމަވެސް އެމެރިކާގެ "ގޯލްޑަން ޑޯމް" އަކީ މާ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ ނިޒާމެކެވެ.
މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ އެމެރިކާއަށް ކުރިމަތިވެދާނެ މިސައިލް ނުވަތަ ޑްރޯން ހަމަލާތަކުން ރައްކާތެރިކަން ހޯދުމެވެ. އަދި ކެނެޑާއިން ވެސް ވަނީ މި ނިޒާމުގެ ރައްކާތެރިކަން ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
ނަމަވެސް، މި ނިޒާމާ ދެކޮޅަށް ރަޝިޔާ އާއި ޗައިނާއިން ވަނީ އަޑުއުފުލާފައެވެ. އެ ދެ ގައުމުން ބުނެފައިވަނީ މި ނިޒާމުގެ ސަބަބުން ބޭރު ޖައްވު ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް ހަމަޖެހުން ގެއްލިގެންދާނެ ކަމެއް ކަމަށް އެ ދެ ގައުމުން ބުނެފައިވެއެވެ.
2022 ވަނަ އަހަރުގެ މިސައިލް ޑިފެންސް ރިވިއުގައި ފާހަގަކޮށްފައިވާ ގޮތުގައި ރަޝިޔާ އާއި ޗައިނާއިން އެމެރިކާއަށް ކުރިމަތިވާ ނުރައްކާތައް އިތުރުވަމުން އަންނަ ކަމަށް ފެނެއެވެ. އެހެންކަމުން މި ނިޒާމަކީ އެމެރިކާގެ "ސަލާމަތާއި ދެމިއޮތުމަށް" ވަރަށް މުހިންމު ނިޒާމެއް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.