Ads by Aqeeqa Maldives

ޚަބަރު

ވާނުވާ ބަންދުގައި ތިބި މީހުން އޭންކަލް މޮނީޓަރއާއެކު ދޫކޮށްލުމުގެ މަސައްކަތް ފަށައިފި

ވާނުވާ ބަންދުގައި ތިބި މީހުން އޭންކަލް މޮނީޓަރއާއެކު ދޫކޮށްލުމުގެ މަސައްކަތް ފަށައިފި

އޭންކަލް މޮނީޓަރ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 މޭ 2025، 06:17

21 މޭ 2025، 06:17

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން ދޫކޮށްލުމުގެ މަސައްކަތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ފަށައިފިއެވެ. މިއީ "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، އެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކަށް، ސަބަބާއެކު އެ އޮފީހޮފީހަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަސައްކަތް ކުރަނީ ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށް ފަހުއެވެ. އެގޮތުން، މި ނިޒާމިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ޝަރުތުތަކަކާއެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޚާއްސަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެއެވެ.

އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ އިސްވެ ދެންނެވުނު އެސެސްމަންޓް ޕީޖީ އޮފީހަށް ލިބުމުން އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެންނެވެ. މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައެވެ.

މީގެއިތުރުން، މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން އެއް ފަހަރު ޕީޖީއޯއިން ކޯޓަށް ހުށަހަޅައި، މުރާޖައާކުރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ޕީޖީއޯއިން ވަނީ ބުނެފައެވެ. އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ޚިލާފުވެއްޖެ ނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ދައުލަތުގެ ފަރާތުން ކޯޓުގައި އެދޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބަންދަށް ލުއި ދިނުމަށް އެދި ޕީޖީ އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" މެދުވެރިކޮށް ހުށަހެޅިދާނެއެވެ. ނުވަތަ އެ އޮފީހުގެ އޮންލައިން ޕޯޓަލް online.pgo.mv މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ހުށަހެޅުން އެ އޮފީހަށް ހުށަހެޅިދާނެއެވެ. މިކަމަށް އެދޭ ފޯމު، މިހާރު ޕީޖީ އޮފީހުގެ ވެބްސައިޓާއި، ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކަރެކްޝަންސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ފޯމު ލިބުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ޕީޖީއޯގެ ބަޔާނުގައި ވެއެވެ.

މި މައްސަލައަށް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފާއިތުވި ހަފުތާ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޕީޖީ އައްބާސް ޝަރީފާ އެކު މަޝްވަރާ ކުރައްވާފައެވެ. ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލެއް ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ވާނުވާ ބަންދުގައި މާރާމާރީއާއި، ޓެރަރިޒަމްގެ ކުށްތަކާއި މަރުގެ މައްސަލަތަކާއި މަސްތުވާތަކެއްޗާއި ގޭންގުކުށްތަކުގައި ތުހުމަތުވާ މީހުން ހިމެނޭ ކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެންނާއި، ޖިންސީ ގޯނާގެ ތުހުމަތުގައި ބަންދުގައި ތިބި މީހުން އިސްތިސްނާކޮށް، ކުށުގެ ބާވަތަށް ބަލައި ވީހާވެސް ގިނަ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

އަދި ކަނޑައެޅޭ ޝަރުތުތަކަކާއެކު ވާނުވާ ބަންދުގައި ތިބި މީހުން ގެއަށް ބަދަލު ކުރުމަށް ނުވަތަ ޓެގާ އެކު ދޫކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ފަރާތްތަކަށް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.



                    

މި ލިޔުން ކިޔާލުމުން

Ads by MSS