ދުނިޔެ
އިޒްރާއިލްގެ ހަމަލާތައް އަމާޒުކުރަމުންދަނީ ހޮސްޕިޓަލްތަކުގެ ޕަވަރ ޖަނެރޭޓަރ ތަކަށް، އަމާޒަކީ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް އެއްކޮށް ހުއްޓުވުން

ޣައްޒާގެ ބައެއް ހޮސްޕިޓަލްތަކާއި އެތަންތަން ހުންނަ ސަރަހައްދުތައް ދައްކުވައިދޭ މެޕެއް.
އިޒްރާއިލުން ޣައްޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާއިރު، މިއަދު އިޒްރާއިލްގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ހޮސްޕިޓަލް ތަކުގެ ޕަވަރ ޖެނެރޭޓަރުތަަކަށް ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.
ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ، އިޒްރާއީލުން ގަސްދުގައި ހޮސްޕިޓަލްތަކުގެ ޕަވަރ ޖަނަރޭޓަރުތަކަށް އަމާޒުކޮށް ހަމަލާދީފައިވަނީ ޣައްޒާގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހުއްޓުވުމުގެ މަޤްސަދުގައިކަމަށެވެ.
ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިޔާ ހޮސްޕިޓަލްގެ ޚިދުމަތް މެދުކެނދުމާއި އެކު އެސަރަހައްދުގެ ސިއްހީ ހާލަތު މިހާރު އޮތް ޙާލަތު ސިފަކޮށް ބުނެފައިވަނީ އެއީ ކާރިސާއެއްކަމަށެވެ.
އެ ވުޒާރާއިން ބުނެފައިވަނީ އިޒްރާއިލްގެ މަޤްސަދަކީ އިތުރު ހޮސްޕިޓަލްތަކުގެ ޚިދުމަތް ހުއްޓުވުމަށް އިލެކްޓްރޯމެކޭނިކަލް ސިސްޓަމްތައް ނައްތާލުންކަމަށެވެ.
ހޮސްޕިޓަލްތަކުން އޮޕަރޭޓް ކުރަމުންދަނީ ލިމިޓެޑް ފިއުލް ސަޕްލައިތަކެއްގެ ދަށުން، ޒަޚަމްވެފައިވާ މީހުންނާއި ބަލި މީހުންނަށް ކުއްލި ސިއްހީ ފަރުވާ ދިނުމުގައި ދެމިތިބެވޭނެ ކަމުގެ ޔަޤީންކަމެއް ނެތް.
ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ.
މިއަދު އިޒްރާއިލުން ވަނީ ޣައްޒާގެ އުތުރުގައި ހުންނަ އަލް އަވްދާ ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާއެއްދީފައެވެ.
ބައިނަލް އަޤްވާމީ ދުނިޔެއިން އިޒްރާއިލްގެ ހަމަލާތައް ކުށްވެރިކޮށްކޮށް ތިއްބައި، އިޒްރާއިލުން ފަޚުރުވެރިކަމާއި އެކު އިޢުލާނުކޮށް ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުތެރޭގައި ޣައްޒާގެ 115 ސަރަހައްދަކަށް ހަމަލާދީފައިވާކަމަށެވެ.