Ads by Aqeeqa Maldives

ޚަބަރު / ވިޔަފާރި

ދިއްގަރާއި މަޑުއްވަރީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ދިއްގަރާއި މަޑުއްވަރީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ދިއްގަރުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: ބީއެމްއެލް

21 މޭ 2025، 07:57

މ އަތޮޅު މަޑުއްވަރީގަ އާއި އެ އަތޮޅު ދިއްގަރުގައި ސެލްފް ސާރވިސް އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. 

މަޑުއްވަރި އާއި ދިއްގަރުގައި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވީ، އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. މިރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، އެރަށު ކައުންސިލްގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ފެއްޓެވުމުގެ ގޮތުން ވަޒީރު އާދަމް ޝަރީފްވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް އެ ރަށްތަކުގެ ކައުންސިލްތަކާ ހަވާލުކޮށްދެއްވާފައެވެ. އެގޮތުން ދިއްގަރު ކައުންސިލްގެ ފަރާތުން އެ ކާޑާއި ހަވާލުވެވަޑައިގެންނެވީ  އެ ކައުންސިލްގެ ނައިބު ރައީސް އިސްމާއިލް މާހިދުއެވެ. އަދި މަޑުއްވަރި ކައުންސިލުގެ ފަރާތުން އެ ކާޑާ ހަވާލުވެވަޑައިގެންނެވީ އެ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ނިޝާމްއެވެ.

ދިއްގަރުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާލުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިހާތަނަށް މަރުކަޒުކޮށްފައި އޮތް ޚިދުމަތްތައް ރައްޔިތުންނާ ކައިރިއަށް ގެނައުމަށް ކަމަށެވެ. އަދި ބީއެމްއެލްއަކީ ހަޤީޤަތުގައި ވެސް ރައްޔިތުންގެ ބޭންކު ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މަޑުއްވަރީގައި ވަޒީރު ވިދާޅުވީ، ރައްޔިތުންނަށް ރަށުގައި ތިބެގެން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމް ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކުރިއަށް ދަނީ އުއްމީދު ކުރިވަރަށް ވުރެ ބާރު ދުވެލީގައި ކަމަށް ވިދާޅުވިއެވެ.

މުލަކަތޮޅުގެ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިބުރުގައި 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. މިއާއެކު އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS