ކުޅިވަރު
އެފްއޭއެމް ލީގު ކަޕް: އިތުރު ވަގުތު ކާމިޔާބުކުރި ޕެނަލްޓީއަކާއެކު މާޒިޔާއިން އެއްވަނައަށް

އެފްއޭއެމް ލީގު ކަޕްގައި މާޒިޔާ އާއި އޮޑި ބައްދަލުކުރި މެޗު، ފޮތޯ: ޕީއެސްއެމް
އެފްއޭއެމް ލީގު ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގައި އިތުރު ވަގުތު ކާމިޔާބުކުރި ޕެނަލްޓީއަކާއެކު މެޗު 1-1 އިން އެއްވަރުވެ، މާޒިޔާއިން ލީގުގެ އެއްވަނަ ޔަޤީންކޮށްފިއެވެ. އަދި މި ނަތީޖާއާއެކު އޮޑިއަށް ލިބުނީ ލީގު ބުރުގެ ތިން ވަނައެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ލީޑުކޮށްގެން ކުޅެފައި ވަނީ އޮޑިންނެވެ. އަދި މިއީ އެންމެ ފަހުގެ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި މިހާތަނަށް ކުޅުނު އެންމެ އުނދަގޫ މެޗު ވެސް މެއެވެ.
މެޗުގައި އޮޑިން ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް ގޯލު ކާމިޔާބުކޮށްދިނީ ހައިޝަމް ރަޝީދެވެ.
މެޗުގެ ނަތީޖާ ބަދަލުކުރުމަށް މާޒިޔާއިން ވަނީ ދެވަނަ ހާފުގައި ކެޕްޓަން ސަމޫޙް އާއި އަލީ ފާސިރު އަދި ހަސަން ރާއިފު އަހުމަދު (ހަންނަ) ކުޅެން ނެރެފައެވެ.
ދެވަނަ ހާފުގައި އޮޑިން އިތުރު ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް، މުޙައްމަދު ރަޝީދު (ހޮކޭ) ކާމިޔާބުކުރި މި ގޯލު އޮފްސައިޑްކަމަށް ރެފްރީ ނިންމިއެވެ. މީގެ އިތުރުން ސެންޓޭ ވަނީ މާޒިޔާއަށް ވެސް ގޯލެއް ކާމިޔާބުކޮށްދީފައެވެ. ރެފްރީ ނިންމީ އެއީވެސް އޮފްސައިޑް ގޯލެއް ކަމަށެވެ.
މާޒިޔާއިން ނަތީޖާ ހަމަހަމަކުރީ، އޮޑީގެ މިސްރު ޑިފެންޑަރު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. މާޒިޔާއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސެންޓޭއެވެ.
މިހާރު ލީގުކަޕްގެ ޕޮއިންޓް ތާވަލަށް ބަލާއިރު މާޒިޔާވަނީ 10 ޕޮއިންޓް ކަށަވަރުކޮށްފައެވެ. ދެވަނައިގައި އޮތީ ހަ ޕޮއިންޓާއިއެކު ނިއުރޭޑިންޓެވެ. ތިންވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ 4 މެޗުން ފަސް ޕޮއިންޓެވެ. ހަތަރު ފޮއިންޓާއެކު ޓީސީ ސްޕޯޓްސް ކުލަބު ހަތަރުވަނައިގައި އޮތް އިރު ފުލުގައި އޮތީ ކުޅުނު ހުރިހާމެޗަކުން ބަލިވި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
މި މުބާރާތުގައި ލީގު ބުރުގެ ފަހު މެޗުގައި މިރޭ 21:00 ގައި ކުޅެން ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ މަހިބަދޫ އާއި ނިއުރޭޑިއަންޓެވެ.