ވިޔަފާރި / ޚަބަރު

ރަތްމަންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރަތްމަންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރަތްމަންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުން، ފޮޓޯ: ބީއެމްއެލް

farudhun logo

ފަރުދުން

21 މޭ 2025، 10:07

21 މޭ 2025، 10:07

ދިއްގަރާއި މަޑުއްވަރީގެ އިތުރުން، މ އަތޮޅު ރަތްމަންދޫގައި ވެސް މިއަދު ސެލްފް ސާރވިސް އޭޓީއެމްގެ ޙިދުމަތް ފަށައިފިއެވެ.

ރަތްމަންދޫގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި އެރަށު ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަތްމަންދޫގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލާ ހަވާލުކޮށްދެއްވާފައެވެ. ރަށު ކައުންސިލުގެ ފަރާތުން މިކާޑާ ހަވާލުވެވަޑައިގެންނެވީ މަޑުއްވަރި ކައުންސިލްގެ ނައިބު ރައީސް ހުސެއިން ޚަލީލެވެ.

ރަތްމަންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ޙާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ އެއްވެސް ރަށެއް ބާކީނުކޮށް އަސާސީ ޚިދުމަތްތައް ހުރިހާ ރަށެއްގައި ފޯރުޮށްދިނުން ކަމަށެވެ. 

މުލަކަތޮޅުގެ ރަށްރަށުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިބުރުގައި 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. ރަތްމަންދޫއާއެކު މިއަދުވަނީ 3 ރަށުގައި މި ޚިދުމަތް ފަށާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ހއ، ދ. އަދި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS