ދުނިޔެ
ޣައްޒާގައި ފަތިހުން ފެށިގެން މިހާތަނަށް 82 މީހުން ޝަހީދުވެއްޖެ

ފަލަސްޠީނުގެ ބައްޕައެއް، ޝަހީދުވެފައިވާ އޭނާގެ ދަރިފުޅުގެ ހަށިގަނޑު ހިފައިގެން
ޣައްޒާގައި ފަތިހުން ފެށިގެން ޣައްޒާގެ އެކިތަންތަނަށް އިޒްރާއިލުން ދިން ހަމަލާތަކުގައި މިހާތަނަށް 82 މީހަކު ޝަހީދުވެއްޖެއެވެ.
މެޑިކަލް މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުތުރުގެ ޖަބަލިއާއިން ފެށިގެން ދެކުނުގެ ޚާން ޔޫނިސް އާއި ހަމައަށް ވައިގެ މަގުންނާއި އާޓިލަރީން ބޮމުގެ ހަމަލާތައް ދިނުމުގެ ސަބަބުން މިއަދު ފަތިހުން ފެށިގެން ފަލަސްތީނުގެ 82 މީހަކު ވަނީ ޝަހީދުވެފައެވެ.
އެންމެ ފަހުގެ އަދާހަމަތަކަށް ބަލާއިރު، މިއަދު ހަވީރު ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް އާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައިވާއިރު، އެހަމަލާތަކުގައިވެސް މަދުވެގެން ނުވަ މީހަކު ވަނީ ޝަހީދުވެފައެވެ.
އޭގެ ކުރިން ޣައްޒާގެ އުތުރުން އޮންނަ ޖަބަލިއާ އަލް ބަލަދުގެ ގެއަކަށް އިޒްރާއީލުން ދިން ހަމަލާއެއްގައި އެގެއިން ތިން މީހަކު ޝަހީދުވެފައިވެ އެވެ.
މިއަދު ހަވީރު ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޝުޖާޢިއްޔާ އަވަށުގައި އޮންނަ މަންސޫރާ ގޯޅީގައި ދިން ބޮމުގެ ހަމަލާއެއްގައި ވެސް މީހަކު ޝަހީދުވެފައިވެއެވެ.
ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ އަލްދަރާޖް ސަރަހައްދުގައި އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އަށް މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވެއެވެ. އަދި އަލްނަފާގު ގޯޅީގައި ހުންނަ ކާބޯތަކެތީގެ ބޭންކަކަށް ވައިގެ މަގުން ދިން ހަމަލާއެއްގައި އިތުރު ހަތަރު މީހަކު ވެސް ވަނީ ޝަހީދުވެފައެވެ.
މިއަދުގެ ވަގުތެއްގައި ޖަބަލިއާ އަލް ބަލަދުގެ ދެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 14 މީހަކު ޝަހީދުވެ އިތުރު ދިހަވަރަކަށް މީހުން ވަނީ ޒަޚަމްވެފައެވެ.
މިފަދަ އެެހެން ހަމަލާއެއްގައި ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޖަބަލިއާ ޖަންކްޝަން ކައިރީގައި އޮންނަ މަޝްހޫރު މާރުކޭޓަކާއި އާބާދީ ބޮޑު ސަރަހައްދަކަށް އަމާޒުކޮށްގެން ދިން ވައިގެ ހަމަލާއެއްގައި 11 މީހުން ޝަހީދުވެ ގާތްގަނޑަކަށް 60 މީހުން ޒަޚަމްވެފައިވެއެވެ.
ހަމަލާތަކުގައި މިޢަދަދުތަކަށް މީހުން ޝަހީދުވެގެން ގޮސްފައިވާއިރު، ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓަރ އިން ބުނެފައިވަނީ ބަނޑުހައިހޫނުކަމާއި ފަރުވާލިބޭނެ ގޮތް ނެތުމުގެ ސަބަބުން ފާއިތުވި 24 ގަޑިއިރިތެރޭ ފަލަސްޠީނުގެ 26 މީހަކު ނިޔާވެފައިވާ ކަމަށެވެ.